އިސްލާމީ ޝަރީޢަތަކީ މުޖުތަމައުގައި ހަމަޖެހުން ޤާއިމުކުރުމުގެ އެންމެ ބޮޑު އަސާސްއެވެ. މީސްތަކުގެ އެންމެހައި ޙައްޤުތައް ރައްކައުތެރިކުރުމަށް އޮތް މަގެވެ. އިސްލާމީ ޝަރީޢާ ޤާއިމުކުރެވޭނަމަ ރައްކައުތެރިކަން ނުލިބިގެން އުޅެން ހަމަ އެކަކަށްވެސް ނުޖެހޭނެއެވެ.
އެހެނީ މީހަކު މަރައިފިނަމަ އިތުރު މީހަކު މަރަން އޭނާއަށް ދުނިޔެއަކު ނުހުރެވޭނެއެވެ. އޭނާއަށް ޖެހޭނީ މަރުވާށެވެ! އިސްލާމީ ޝަރީޢާގައި ކުށްކުރުމުން އަދަބުދިނުމުގައި އެއްވެސް މީހަކަށް އެއްވެސް ތަފާތުކުރުމެއް ނެތެވެ. ކުށްކޮށްފިނަމަ ޖެހޭނީ އަދަބުލިބިގަންނާށެވެ!
ނިޔުޒީލަންޑްގައި ބަޑިޖަހައި އެއް ފަހަރާ 51 މުސްލިމުން ޝަހީދުކޮށްލި ޤާތިލް އެހެރީ ހަމަ އަރާމުގައެވެ. މީރުތަކެތި ކައިގެންނެވެ. ބަލިވުމުން ބޭސްފަރުވާވެސް ކުރެވެއެވެ. އުނިވާ ކަމެއް ނެތެވެ! އޭނާ ޝަހީދުކުރި 51 މީހުންގެ ޙައްޤުތައް ކޮބައިހެއްޔެވެ؟
އޭނާ އެކަން އެކުރީ އެކަންކުރި ނަމަވެސް އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބި އުފަލުގައި ދުނިޔޭގައި އުޅެވޭނެކަން އެނގޭތީއެވެ. އިސްލާމީ ޝަރީޢާ ޤާއިމުކުރާނަމަ އޭނާ އެކަން ކުރާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާގެ ފުރާނަ އާއިމެދު ވިސްނާނެއެވެ! ޖެހިލުންވާނެއެވެ.
ވައްކަން ކުރަނީވެސް އަތްނުކަނޑާތީއެވެ! ފާހިޝް ޢަމަލުތައް ކުރަނީ ވެސް ޙައްދުތައް ޤާއިމުނުކުރާތީއެވެ.
- ޝައިޚް ޖަމީލް އަލް ބިޒާ