މާދަމާއަކީ މާލެ ސިޓީއަށް ވަރަށް ޚާއްޞަ ދުވަހެކެވެ. "ލޮކްޑައުން"ގެ 80 އިންސައްތަ ފިލައި ތަޅު ހުޅުވި ދޮރުތައް ހުޅުވިގެންދާ ދުވަހެވެ.
ތިރީގައި އެވަނީ މީގެ 12 ދުވަސްކުރިން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމެކެވެ. މުފްތީ މެންކް ދެއްވި އެ ނަޞާހަތާއި މިރޭ މިއަދުނޫހުގައި ޝާއިޢުކުރި އެޑިޓޯރިއަލް އާއި މި ލިޔުމާއި ވަރަށް ބޮޑު ގުޅުމެއް އެބަހުރިކަން ބައެއް ކިޔުންތެރިން ފާހަގަކުރައްވަން ފެށްޓެވުމުން މުފްތީ މެންކުގެ ނަޞޭޙަތުގެ މުހިންމުކަން އިތުރަށް ހާމަވެގެން ހިނގައްޖެއެވެ.
މިއަދު ގެއިން ބޭރަށް މިނުކުމެވެނީ ހަމަ ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. ދެން އޮތީ މާދަމާއަށް ހުރި ދަތިތައް ޙައްލުކުރަން ގަދައަޅައި މަސައްކަތްކުރަން ފެށުމެވެ. ނުދެއްކި ފުނިޖެހިފައި އަތުގައި ހުރި ބިލްތައް ދައްކަން މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. އާމްދަނީ ނުލިބުމުން ދެރި ދަރަނި އަދާކުރަން މަސައްކަތްކުރަން ފަށަން މިވަނީ ޖެހިފައެވެ. ސްކޫލްތައް ހުޅުވެންވާއިރަށް ދަރިންގެ ކަންކަން ހަމަޖެއްސުމަށާއި ބަލިވި ނަމަވެސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމުން ކެތްކޮށްގެން ތިބި އެންމެން މިވަނީ ޑޮކްޓރަށް ދައްކަން ޖެހިފައެވެ.
މިކަންކަމަށް ޚަރަދުކުރާނެ ފައިސާއެއް އަތަކު ނެތެވެ! ނަމަވެސް މިކަންކަން ކުރަން އެބަ ޖެހެއެވެ. ވީމާ މުފްތީ މެންކުގެ ނަޞޭޙަތަށް ވިސްނައިލަން އެބަ ޖެހެއެވެ. " މިއަދާ ހަމައަށް އާދެވުނީވެސް ﷲ ގެ ރަޙްމަތުންނެވެ! މާދަމާއަށް ކުރާ އުންމީދު ދޫކޮށް ނުލާށެވެ!"
ޙައްލު ހޯދަން ކުރަން ޖެހޭ ކަންކަންވެސް މުފްތީ މެންކް ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. މުފްތީ މެންކް ވދާޅުވެފައިވަނީ މުސްލިމުންނަކީ އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައިގެން ވާނެ ބައެއް ނޫން ކަމަށާއި ދަތިޙާލުގައި ހުރެގެން މިއަދުވެސް ﷲ ތަޢާލާ އެންގެވި ކަންކަން ކުރަން އިސްކަންދިނުމަށެވެ. މާދަމާއަކީ މިއަދަށްވުރެ މާރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވަވާނެ ދުވަހެއް ކަމަށް ޔަޤީންކޮށްގެން ނިދާށެވެ!
އަޅުގަނޑުމެން މާދަމާ ހޭލަންވީ މުފްތީ އެވިދާޅުވާފަދައިން އުންމީދުކޮށްގެންނެވެ. އުންމީދުތައް ޙާޞިލުކޮށްދެއްވެވުން އެދި ކުރަން އޮތް ކަމަކީ ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމުގެ ގޮތުން ކުރަން އޮތް ކަމަކީ އެޑިޓޯރިއަލްގައި ބުނިފަދައިން އަޅުކަންކުރުން އިތުރުކުރުމެވެ.
މިއަދާ ހަމައަށް އާދެވުނީވެސް ﷲ ގެ ރަޙްމަތުން! މާދަމާއަށް ކުރާ އުންމީދު ދޫކޮށް ނުލާ!: މުފްތީ މެންކް
ތިބާގެ އަމިއްލަ ނަފްސަށް އޯގާތެރިވެ ރަޙްމްކުރާށެވެ! މިއަދާއި ހަމައަށް ތިބާއަށް އައުދެވުނީވެސް ﷲ ތައާލާ ތިބާއަށް ރަނގަޅު ގޮތްތައް މިންވަރު ކުރެއްވެވުމުންނެވެ. ވީމާ މިއަދު ދަތިތަކެއް ކުރިމަތިވެފައިވުމަކީ މުޅި އުމުރުގައި އެ ދަތިތަކާއިއެކު އުޅެން ޖެހުން ކަމަށް ޤަބޫލުނުކުރާށެވެ!
މުސްލިމުންނަކީ އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައިގެން ވާނެ ބައެއް ނޫނެވެ. ދަތިޙާލުގައި ހުރެގެން މިއަދުވެސް ﷲ ތަޢާލާ އެންގެވި ކަންކަން ކުރަން އިސްކަންދޭށެވެ! މާދަމާއަކީ މިއަދަށްވުރެ މާރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވަވާނެ ދުވަހެއް ކަމަށް ޔަޤީންކޮށްގެން ނިދާށެވެ!
ރަޙްމަތުން ފުރިގެންވާ "މާދަމާ" އައުން ލަސްވެގެން ކަންބޮޑުވެވެނީ "މާދަމާ" އަކީ ކޮން ދުވަހެއްކަން އަހަރެމެންނަށް ނުއެނގޭތީއެވެ. އެކަލާނގެ އެދުވަސް މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަމުގެ ވަގުތު ޖެހުމުން އެންމެ ހިނދުކޮޅެއްވެސް ލަހެއް ނުވާނެއެވެ.
ޔަޤީންކުރަންވީ ﷲ ތަޢާލާގެ މިފަދަ ވަޙީ ބަސްފުޅުތަކެވެ.
"----އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކްލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާހުށްޓެވެ."
- މުފްތީ މެންކް