ކޮންމެ މީހަކީވެސް ތަނަވަސްކަން ބޭނުންވާނެ މީހެކެވެ. ގިނަ ގެދޮރާއި ފައިސާގެ ތަނަވަސްކަން ބޭނުންވާނެ މީހެކެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ދެއްވަވަވަނީ އެމީހަކަށް ދެއްވަވަން ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގަންނަވާ މިންވަރަކަށެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބަ އޮތެވެ!
ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރެއްވެވީ ތިމަން ރަސޫލާ (ޞޢވ) ލޯބިވެވަޑައިގަންނަވާ މީހުންނަށް (ޞަޙާބީންނަށް) ދެއްވަވަނީ މަދުން ކަމަށެވެ.
ވީމާ އަތްމަތި ދަތިވުމުން އެއްވެސް ޙާލެއްގައި އެއީ ތިމާ ދެކެ ﷲ ތައާލާ ލޯބިވެވޮޑިނުގަންނަވާތީ ނުވަތަ ރުހިވޮޑިނުގަންނަވާތީ ކަމަށް ޤަބޫލުނުކުރާށެވެ! އެއިގެ ބަދަލުގައި އަނެއްކޮޅަށް ޤަބޫލުކުރާށެވެ! އެކަން އެގޮތަށް މެދުވެރިކުރެއްވެވީ ތިމާ ދެކެ ލޯބިވެވޮޑިގަންނަވާތީ، ރުހިވޮޑިގަންނަވާތީ ކަމަށް ޔަޤީންކުރާށެވެ!
ކޮންމެ ކަމެއްވެސް ކޮންމެ މީހަކަށް ވެސް ބެލެހެއްޓެނީ ވަކި ވަރަކަށެވެ! ނުބެލެހެއްޓޭނެ ވަރަށް ފައިސާ އަތަށް އަރައިފިނަމަ އެމީހަކު މަގުފުރެދިގެން ހިނގައިދާނެއެވެ! އަދި ޙަރާމް ކަންކަމަށް ހޭދަކުރެވެންވެސް ފަށައިފާނެއެވެ! މީގެ އިތުރުން އަތްމަތި ދަތިވުމަކީ ގިނަ ބައަކު ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށްވެސް މަސައްކަތްކުރާ ބައެކެވެ. އެކަމުގެ ސަބަބުން ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ!
އަދި ކީއްހެއްޔެވެ؟ ދަތި ޙާލު ކުރިމަތިކުރެއްވެވުމުން ކެތްތެރިވާ މިންވަރުވެސް ﷲ ތަޢާލާ އިމްތިޙާން ކުރައްވަވަތެވެ! އެއިމްތިޙާނުން ފާސްވާން ޖެހެއެވެ!
މިވަގުތަކީ ދުނިޔޭގެ ގިނަބައަކަށް އަތްމަތި ދަތިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ވަގުތެކެވެ. ވީމާ މި ދެއްކި ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ! ދެއްވެވި މިންވަރަށް ޝުކުރުވެރިވެ ކެތްތެރިވާށެވެ! އާމްދަނީ އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ދެއްވަވަން އިރާދައިގައިވާ ވަރަށް ހަމަ ކޮންމެ މީހަކަށް ވެސް ދެއްވަވާނެތެވެ! އެކަމުގެ ވަގުތުޖެހުމުން ހުރިހާ ކަންކަންވެސް ހިންމަވައި ދެއްވަވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން