ކުރީ ދަރުހެއްގައިވެސް ބުނީމެވެ! ތަކްލީފްތައް ކުރިމަތިނުވާނަމަ މިއީ ދުނިޔެއެއް ނޫނެވެ. ވާނީ ކޮންމެވެސް އެހެން ތަނަކަށެވެ! އެހެނީ އިންސާނުންނަށް އެއްވެސް ތަކްލީފެއް ނެތި ބޭނުންހައި ވަރަކަށް ހިތް ފުރައިގެން ތިބެވޭނެ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. އަހަރެމެން ގަދައަޅައި މަސައްކަތް މިކުރަނީ އެކަމަށެވެ! ނުވަތަ ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ! ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި އަހަރެމެން ހިމެނޭތޯއެވެ!
ކުރިމަތިވާ ބައެއް ދަތުތައް ވަރަށް އަވަހަށް ފިލައިގެންދެއެވެ. އަނެއްބައި ކަންކަން އެތައް ޒަމާންތަޖކަކަށްވެސް ދެމިގެންދެއެވެ. އެއިން ކޮންމެ ޙާލަތަކީވެސް ހަމަ އިމްތިޙާނެކެވެ. އެދުވަސްތަކަކީ އިމްތިޙާނުގެ ދުވަސްތަކެވެ! އެ އިމްތިޙާނުގެ ނަތީޖާ މިދުނިޔޭގައި ފެނިވެސްދާނެއެވެ. ނުފެނިވެސް ހިނގައިދާނެއެވެ. ނަތީޖާ ކޮންމެ މީހެއްގެ ވެސް އަތަށް ލިބޭނެ ދުވަހެއްވެއެވެ. އެއީ އާޚިރަތް ދުވަހެވެ! ޤިޔާމަތް ދުވަހެވެ! ޙިސާބު ބެއްލެވުމުގެ ވަގުތުގައެވެ.
ދުނިޔޭގައި ހޭދަކޮށްލަން ލިބޭ ކުރުމުއްދަތުގައި ކަންކަމަށް ކެތްތެރިވެލުން ބޮޑުކަމަކަށް ނުހަދާށެވެ! މީހެއްގެ އެވްރެކް ޢުމުރު މިއުޅެނީ އެންމެ 06، 70 އަހަރުގައެވެ. އަހަރެމެން ކުރިމަތިލާން މިދާ އެންމެ ދުވަހުގެ ދިގުމިން އެނގޭ ނޫންހެއްޔެވެ؟ އެއީ 50،000 އަހަރުގެ އެއް ދުވަހެވެ. އެއީ ދުނިޔޭގެ ކަލަންޑަރުންކަމެއް އާޚިރަތުގެ ކަލަންދަރުންކަމެއްވެސް އެނގެނީއެއް ނޫނެވެ! ހަމައެކަނި އެނގޭވަރަކީ އާޚިރަތް ދުވަހުގެ ދިގުމިނަކީ 50،000 އަހަރުގެ އެއް ދުވަސްކަމެވެ.
އަހަރެމެންގެ ދާއިމީ މަންޒިލަކީ ނަރަކަ ނުވަތަ ސުވަރުގެކަން ކަނޑައެޅިގެންދާނީ އެދުވަހުއެވެ. 50،000 އަހަރުގެ ދިގު އެ އެއް ދުވަހުގައެވެ! އެ ދިގު އެއް ދުވަހަކީ ދާދިކުޑަ ހިނދުކޮޅެއް ކަމުގައި ވެގެންދާނެ ބައަކުވެސް ތިބޭނެއެވެ! އެއީ ދުނިޔޭގައި ކުރިމަތިވާ ކަންކަމަށް ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވި މީހުންނެވެ! ސުވަރުގޭގެ މަތިވެރި ދަރަޖަތައް ލިބިގެންދާ، ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅުންނެވެ.
ވީމާ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިމިވާ ދަތި ޙާލަތަށް ކެތްތެރިވާށެވެ! ދާދި އެވަހަށް ކަންކަން ބަދަލުވެ އަލުން ހިތްހަމަޖެހުން ލިބިގެން ހިނގައިދާނެއެވެ! އިންޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އިމާމް މުފްތީ މެންކުގ ވިދާޅުވެފައިވާ މި ބަސްފުޅުތަކީވެސް މި ދަރުސް އާއި ވަރަށް ގުޅުންހުރި ބަސްކޮޅެކެވެ!
"މީސްތަކުންނަށް ކުރިމަތިކުރައްވަވާ ތަކްލީފް، އިމްތިޙާން މީސްތަކުން ހީކުރާވަރަށްވުރެ ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. ހިތްވަރު ދޫކޮށްނުލާށެވެ! ކުރިމަތިވެފައިވާ ހާލަތާއިގެން ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ހިތްވަރު ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ!
އުންމީދު ކަނޑައިލުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އުންމީދު ކަނޑައިލުމަކީ އެއްވެސް ކަމަކަށް އޮންނާނެ ޙައްލެއް ނޫނެވެ. މުހިންމީ އިމްތިޙާނު ނިމެންދެން އިމްތިޙާނުގައި ސާބިތުވުމެވެ. އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ކެތްތެރިވާށެވެ! ޙާލަތުން އަރައިގަނެވުން އޮތީ ހަމަ ދާދިގާތުގައެވެ! އިން ޝާ ﷲ"
- މުފްތީ މެންކް
"ޔާ ﷲ! ކުރިމަތިވެދާނެ ޙާލަތެއް ނުއެނގި ހާސްވުމާއި ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި ދުވަސްތައް ހޭދަކުރަންޖެހިފައިވާ މިފަދަ ވަގުތެއްގައި އަޅަމެންގެ އީމާންކަން ސާބިތުކަންމަތީގައި ވަރުގަދަކޮށްދެއްވަވާނދޭވެ!
އަދި މިފަދަ ވަގުތެއްގައި އަޅަމެންގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ ފުރިހަމަ ވިސްނުން އަޅަމެންނަށް މިންވަރުކޮށްދެއްވަވާނދޭވެ! ނުބައި ވަސްވާސްތަކާއި ޝައްކުތަކުން ސަލާމަތްވެ ތިބެ ރަނގަޅު މަގުން ޢަމަލުކުރުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވާނދޭވެ!
މިޙާލަތުގައިވެސް އަދި ހުރިހާ ހާލަތެއްގައި ވެސް އެންމެހައި ކަންކަމުގެ ހުރިހާ ބާރުވެރިކަމެއް، ހުރިހާ ކޮންޓްރޯލެއް ވަނީ އިނބަ ރަސްގެލާނގެ ޙަޟްރަތުގައިކަން އަޅަމެން ފުރިހަމައަށް ޤަބޫލުކުރަމުއެވެ."
މިފަދަ ޙާލަތުގައި މިފަދަ ދުޢާތައް ކުރުމަށްވެސް މުފްތީ މެންކް ވަނީ އިލްތިމާސްކުރައްވައިފައެވެ!