މަރުވެފައިވާ ދަރިފުޅުގެ މަހާނަކައިރީގައި ރޯން އިން މައކަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ކެތްތެރިވާށެވެ! ކަމަނާގެ ދަރިފުޅަކީ ހެޔޮލަފާ ދަރިއަކަށްވެފައި ކަމަނާ ކެތްތެރިކަން އިސްކޮށްފިނަމަ ﷲ ތަޢާލާގެ ވާގިފުޅާއިއެކު ސުވަރުގެއިން ދަރިފުޅާއި ބައްދަލުކުރެވިދާނެއެވެ."
އަދިވެސް ރަސޫލް (ޞޢވ) ހަދީޘްފުޅުކުރައްވަވާފައިވެއެވެ. "ޙަޤީޤީ ކެތްތެރިންނަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވާ މީހުންނެވެ."
މިއަދު އަހަރެމެންގެ ހާލަތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް (ޞޢވ) ކޯފާގެ ޙާލަތުގައި ހަނުހުންނެވީއެވެ. އިސްކުރެއްވެވީ ކެތްތެރިކަމެވެ. ސުވާލަކީ ރަސޫލް (ޞޢވ) ގެ އުންމަތުގެ މީހުންގެ ގޮތުގައި ތިބި އަހަރެމެންގެ ޙާލަކީ މިއަދު ކޮބައިހެއްޔެވެ؟ ރުޅި އައިސްފިނަމަ ހަނު ހުރެެވނީ ކިތައް މީހުންނަށް ހެއްޔެވެ؟
އިތުރު ޙދީޘްފުޅެއްގައި ކެތްތެރިކަން ސިފަކުރައްވަވާފައިވަނީ އީމާންކަމުގެ ބޯ ކަމުގައެވެ! އެހެންކަމަށްވާއިރު އެމީހެއްގެ އީމާންކަމުގެ ބޯ ހުރީ ކިތައް މީހުންގެ ހެއްޔެވެ؟ ބޯ ނެތިއްޖެ ނަމަ ވާނެ ގޮތް ވެސް ހިތަށް ގެންނާށެވެ!
އިސްލާމީ އުންމަތުގެ ވެރިކަމުގައި ޢުމަރުގެފާނު ހުންނެވި ޒަމާނަކީ ހުރިހާ ކަންކަން ވެސް ދަތި ދުވަސްވަރެކެވެ. ތަދުމަޑުކަމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ހުރީ ދަތިކަމެވެ. ދަތުރުފަތުރުކޮށް އޔުޅުމަކީ އެންމެ ދަތި އެއް ކަންތަކެވެ. އެހެންކަމާއިއެކުވެސް ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަހަރެމެންނަށް އުފާވެރިކަން ލިބޭ ހަމައެކަނި ކަމަކީ ކެތްތެރިކަމެވެ."
ފުންކޮށް ވިސްނާލައިފިނަމަ މިއީ ވަރަށް މާނަފުން ބަސްފުޅެކެވެ. އަދި އެހައިމެ ޢިބްރަތްތެރިވެސް ބަސްފުޅެކެވެ.
"އައްޞަބުރު" މި ބަހުގެ މާނަ ފެށިގެން އަންނަނީވެސް އެމޭވާއެއްގެ ބޭރުގައި އެތައް ބައިވަރު ކަށިތައް ހުންނަ މޭވާއަކުންނެވެ. އެހުރިހާ ކަށިތައް ނައްތާލައިގެން ނޫނީ މޭވާއާއި ހަމއަކަށް ނުދެވޭނެއެވެ. ހަމަ އެފަދައިން ކެތްތެރިކަން އިސްކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ވަރަށް ގިނަ ހުރަސްތައް ކުރިމަތިވާ ކަމެކެވެ. އަމއްލަ ނަފްސާއި ދެކޮޅަށް ވަރަށް ގިނަ ހަނގުރާމަތައްކޮށްގެން ނޫނީ ކެތްތެރިކަމުގައި ކާމިޔާބީ އާއި ހަމައަކަށް ވާޞިލެއް ނުވެވޭނެއެވެ. ކިތަންމެ ބުރަ މަސައްކަތުންނަމަވެސް ކެތްތެރިވުމުގައި ކާމިޔާބީ އާއި ހަމައަށް ވާޞިލުވެވިއްޖެ ނަމަ އެމީހަކަށް އެވަނީ ދިރިއުޅުން ކާމިޔާބުކުރެވިފައެވެ. އަދި މީސްތަކުންގެ ލޯބިވެސް ލިބިފައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން