އިންޑިއާއިން އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 9ސ
އިންޑިއާއިން އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

 ވައިގެ މަގުން އިންޑިއާއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިކަމާގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ 2020 ޑިސެންބަރ 23 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 27 އަހަރުގެ ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، މިމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާ ކަމަށެވެ.

މިމީހާގެ ލަގެޖުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށާއި އަދި މީގެ އިތުރުންވެސް މީނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލް (Hashish Oil) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 36 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 7,700.00 (ހަތްހާސް ހަތްސަތޭކަ) ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ.

 

 

މިއަދު އޮންލައިން