މިހާރަކަށް އައިސް ލަފައާއި މަޝްވަރާ ހޯދުމުގައި ގިނަ ބައަކު ސަމާލުކަންދެނީ އަނެކާގެ ޢިލްމީ ފެންވަރަށާއި މަޝްހޫރުކަމަށެވެ. މަޝްހޫރުނަމަ ކިތަންމެ ބޮޑު އަގެއްދީފައިވެސް މަޗްވަރާ ގަނެއެވެ. އެމީހާ ބުނާ ގޮތްތަކަށް ޢަމަލުވެސްކުރެއެވެ. ނަތީޖާއެއްގެ ގޮތުން މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ލިބެމުންދާ މީހުން އަންނަނީ ގިނަވަމުންނެވެ. މިބުނަނީ ދީނާއި ދުރުހެލިވެވޭ ވާހަކައެވެ.
ދިރިއުޅުމުގެ ކަމަކާއި ގުޅިގެންވިޔަސް އެހެންކަމަކާއި ގުޅިގެންވިޔަސް ކައުންސިލިންގ ހޯދަންވެސް ލަފާހޯދަންވެސް މަޝްވަރާކުރަންވެސް އިސްލާމްދީނަށް ފުރިހަމައަށް ޢަމަލުނުކުރާ މީހަކާއި މަޝްވަރާނުކުރާށެވެ. އެއީ ކިތަންމެ ބޮޑު، ކިތަންމެ މަޝްހޫރު މީހަކު ނަމަވެސްމެއެވެ.
އެފަދަ މީހުންގެ ވާހަކަތައް ވަރަށް ފޮނިވާނެއެވެ. އަޑުއަހާލަން ފަސޭހަވާނެއެވެ. މައްސަލައަކަށްވަނީ އެމީހުންނަށް ދީން މުހިންމު ނުވާތީއާއި ދީނުގެ ކަންކަމަށް ސަމާލުކަން ނުދޭތީ މުސްލިމުންނަށް ދީނުގައި ހުއްދަނޫން، ޙަރާމް ކަންކަން ކުރަން ބުނާކަމެވެ. އެމީހުންގެ ވާހަކަތައް ފޮނިވުމުން އަޑުއަހާ މީހާއަށް ޢޭނާގެ ވާހަކަތައް ޤަބޫލުކުރެވި ދީނުގައި ހުއްދަނޫން ކަންކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ޤަބޫލުކުރެވި އެފަދަ ކަންކަން ކުރެވޭތީއެވެ.
އެފަދަ ބައެއް މީހުންދީއުޅޭ ވަރަށް އާންމު ނަޞޭޙަތްތަކުގެ ތެރޭގައި އެއްދާންކުރުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ދެމަފިރިން އެކުގައި ތިބެގެން ބަރަހަނާ ބެލުން ފަދަ ބޮޑެތި ފާފަތައްވެސް ހިމެނެއެވެ. އަދި ހިތްހަމަޖައްސާލަން. "ހެޕީވެލަން" ހިލޭ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެކިބާވަތުގެ ގުޅުންތައް ބޭއްވުންވެސް ހިމެނެއެވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެން އަބަދުވެސް ޔަޤީންކުރަންޖެހޭނީ ކުރިމަތިވާ ކޮންމެ ކަމެއްގެ ޙައްލުވެސް ލިބެންއޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ﷲ ތަޢާލާ އެކަމަކަށް ޙައްލު މިންވަރުކޮށްދެއްވެވުމުން ކަމެވެ. ކޮންމެ ކަމަކަށްވެސް ވާގިއެދެންޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ، އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަންކަން ކުރުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކު ބާކީވެއްޖެކަން ޤަބޫލުކުރަންވާނެއެވެ. އަދި ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލައްވަވައިފިނަމަ ލިބޭނެ އެއްވެސް ކާމިޔާބީއެއް ނުއޮންނާނެކަންވެސް ޔަޤީންކުރަންޖެހޭނެއެވެ.
މިހިސާބުން ވަރަށް ގިނައިން ދީނީ ޢިލްމުވެރިން ފާހަގަކުރައްވަވާ ކަމެއް ފާހަގަކޮސްލާނަމެވެ. އެކަމަކީ ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްތި ޙައްޤުމަގުގައި ޘާބިތުވެވޭ މީހުންނަށްވެސް އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންތަކުގެ ވާހަކަތަކަށް ނުހެއްލި ތިބެން މާއުނދަގޫކަމަކަށް ވާކަމެވެ. ވީމާ ޝައިޠޯނުންތަކަށް ބިރުވެތިވާވަރަށްވުރެވެސް ބޮޑަށް އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންތަކަށް ސަމާލުކަން އިތުރުކުރަންޖެހޭނެއެވެ. ޙައްޤުމަގުގައި ޘާބިރުވެ ހުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
- މަޢްލޫމާތު: އުސްޓާޛާ ހީނާ ޚާން-މުޚްތާރުގެ ވާހަކަފުޅަކުން