ޢާއިޝަތު ރަފާޙް ޢަލީ
ކޮންމެ މީހަކަށް ހުރިހާ ސުންނަތަކަށް ޢަމަލުނުކުރެވިދާނެއެވެ. މިދައްކަނީ އެވާހަކައެއް ނޫނެވެ. މިދައްކަނީ ޢަމަލުކުރެވުނަސް އަދި ނުކުރެވުނަސް ޘާބިތުވެގެންވާ ސުންނަތްތައް ޤަބޫލުކުރަންޖެހޭނެ ވާހަކައެވެ. މިޘާލަކަށް ސުންނަތް ދުވަސްތަކުގައި ރޯދަނުހިފިދާނެއެވެ. އަދި ބައެއް ދުވަސްތަކުގައި ހިފިވެސްދާނެއެވެ. ނުކުރަން އޮތް ކަމަކީ އެކަމަށް އިންކާރުކުރުމެވެ. ދެކޮޅުހެދުމެވެ. އެއީ ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުނުކުރާނަމަ އެކަންވާނީ ސުންނަތަށް އިންކާރުކުރުމަށެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
” كل أمتي يدخلون الجنة إلا من أبى ، قيل ومن يأبى يارسول الله؟! قال: من أطاعني دخل الجنة، ومن عصاني فقد أبى
އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ” ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ދެކޮޅު ހަދައިފި މީހަކު މެނުވީ އެންމެންވެސް ސުވަރުގެ ވަންނަހުއްޓެވެ. އެހިނދު ޞަހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. ސުވަރުގެ ވަންނަން ދެކޮޅުހަދާނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެ ( ތަބާވެއްޖެ ) މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަންނަން ދެކޮޅު ހަދައިފިއެވެ.”
މި ޙަދީޡުން ލިބޭ ބައެއް ފައިދާތައް:
· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންވުން ވަނީ ﷲ ތަޢާލާއަށް ކިޔަމަންވުމުގެ ތެރެއިންކަން
· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ. އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ދެކޮޅުވެއްޖެ މީހަކު ނަރަކައަށް ވަދެއްޖެއެވެ.
· މި އުއްމަތުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންތެރިވެގެން ތިބި މީހުންނަށް ހުރި އުފާވެރި ޚަބަރު
· ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުއްމަތުގެ މީހުންނާއި ދޭތެރޭ ބަހައްޓަވާ އޯގާތެރިކަން
މީގެ އިތުރުން ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ތަބަޢަވުމަށް އަންގަވާފައިވެއެވެ.
އެގޮތުން އާލް ޢިމްރާން ސޫރަތުގެ 32 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ ﴿٣٢﴾
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (32)