މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ" (ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ) މި ހަފުތާގެ ތެރޭގައި އައްޑޫ ސިޓީއާއި، ލ. އަތޮޅު އަދި ނ. އަތޮޅުގައި ފެށުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ތަފާސްހިސާބާ ބެހޭ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ސަރވޭގެ މަސައްކަތް މިހާތަނަށް މާލޭ ސިޓީގެ އިތުރުން ކ. އަތޮޅާއި މ. އަތޮޅުގެ ހޮވާލެވުނު ރަށްތަކުގައި ވަނީ ނިންމާފައެވެ. މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސަރވޭގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު ދެނެގަތުމާއި، ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުތައް ހުންނަ ގޮތް ބަލައި، ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މުހިންމު ތަފާސްހިސާބުތައް އެއްކުރުމެވެ.
މި ސަރވޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމުލަ 4,095 ގޭބިސީއަކުން މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއްކުރާ މަޢުލޫމާތުތަކުގެ ތެރޭގައި ގޭބިސީގެ އާންމު މަޢުލޫމާތާއި، މީހުންގެ ވަޒީފާއާއި އާމްދަނީގެ ތަފްޞީލް ހިމެނެއެވެ. މީގެ އިތުރުން، ކާބޯތަކެއްޗާއި ބޭސްފަރުވާގެ އިތުރުން ދިރިއުޅުމުގެ އެކި ބޭނުންތަކަށް ކުރާ ޚަރަދުތަކުގެ ތަފްޞީލްވެސް މި ސަރވޭގެ ތެރެއިން އެއްކުރެވޭނެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނިގޮތުގައި، މި ސަރވޭގައި އެއްކުރާ ހުރިހާ މަޢުލޫމާތަކީވެސް ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ސިއްރު ހިފެހެއްޓޭނެ މަޢުލޫމާތުތަކެކެވެ. އަދި ސަރވޭގެ މަސައްކަތުގައި ގޭބިސީތަކަށް ޒިޔާރަތްކުރާ އޮފިޝަލުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ދެނެގަތުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި އެ އިދާރާއިން ފާހަގަކުރެއެވެ.