ދެމަފިރިން ވަކިވި ނަމަވެސް ދަރިންގެ ކަންކަމުގައި މައިންބަފައިންގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭނެ: ވަޒީރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދެމަފިރިން ވަކިވި ނަމަވެސް ދަރިންގެ ކަންކަމުގައި މައިންބަފައިންގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭނެ: ވަޒީރު ޤީލާ

ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ވަކިވާން ޖެހުނު ކަމުގައިވީ ނަމަވެސް، ދަރިންގެ ކަންކަމުގައި މައިންބަފައިން އުފުލަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށް ސިއްޙަތާއި އާއިލާއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި، ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާއި ގުޅޭގޮތުން ކުރި ދިރާސާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، ކައިވެނި ރޫޅުމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ މައުސޫމް ކުޑަކުދިންނަށް ކަމަށެވެ. އަދި އާއިލީ ރޫޅުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި މުސްތަޤުބަލަށް އޭގެ ނުރަނގަޅު އަސަރު ފޯރާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާއިލީ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެ "ފެމިލީ މީޑިއޭޓަރުން" ތަމްރީނުކުރުމުގެ މަޝްރޫޢެއް ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އާއިލީ މައްސަލަތައް ކޯޓާ ހަމައަށް ގޮސް ދިގުލައިގެން ދިޔުމުގެ ކުރިން، ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން ހައްލު ހޯދައިދިނުމެވެ. މީގެ އިތުރުން، މައްސަލަތައް ހައްލުކުރުމުގައި ކުޑަކުދިންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަކީ މި މަޝްރޫޢުގެ މުހިއްމު މަގުސަދެކެވެ.

ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގައި ގާއިމުކުރުމެވެ. މިހާރު ކުރިއަށްދާ ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބަދަހި އާއިލާތަކެއް ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ ވަރަށް މުހިއްމު މަސައްކަތެކެވެ.

މިއަދު އޮންލައިން