ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ތަރައްޤީ ކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގައި ޙަވާލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ތަރައްޤީ ކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގައި ޙަވާލުކުރަނީ

ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ތަރައްޤީ ކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގެ ތެރޭގައި ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ޖުމްލަ 5 ކުންފުންޏަކާ ޙަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިނާރާ، ގެދޮވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ހަފުތާގެ ތެރޭގައި މި މަސައްކަތް ކުންފުނިތަކާ ޙަވާލުކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތް ޙަވާލުކުރާ ހުރިހާ ކުންފުނިތަކަކީވެސް 100 އިންސައްތަ ދިވެހި ކުންފުނިތަކެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކޮންމެ ކުންފުންޏަކުން 200 ހައުސިންގ ޔުނިޓު ތަރައްޤީކުރާ ގޮތަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި، ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރީގެ އެޕާޓްމަންޓެވެ. އަދި ބާކީ 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން އެކި މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢަކީ ދިވެހި ކުންފުނިތަކަށް ފުރުޞަތު ދީގެން ބޯހިޔާވަހިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން