ދަނޑުވެރިންނަށް ހާއްސަކޮށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދަނޑުވެރިންނަށް ހާއްސަކޮށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން "ދަނޑުވެރި ނަފާ" ފައިނޭންސިންގ ސްކީމް އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ތައާރަފްކޮށްފިއެވެ.

މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މި ސްކީމްގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރަހުނަކާ ނުލާ 500,000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭއިރު، ރަހުނެއް ހިމެނޭހެން 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭނެއެވެ. މިއީ އަހަރަކު 6 އިންސައްތައިގެ ރޭޓުގައި، 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުން އަނބުރާ ދައްކާ ގޮތަށް ފަރުމާކޮށްފައިވާ ލުއި ފެސިލިޓީއެކެވެ.

މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ޒަމާނީ މަޝްރޫއުތަކަށެވެ. މީގެ ތެރޭގައި ވާޓިކަލް ގާޑްނިންގ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޕޯލްޓްރީ، އަދި ގަސް އުފައްދާ ނާސަރީތައް ހިމެނެއެވެ. މީގެ އިތުރުން ވެޓެރިނަރީ ސަރވިސް އާއި ޕެޓް ފާމް ފަދަ ޖަނަވާރުގެ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "ދަނޑުވެރި ނަފާ އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ބަދަލުކުރުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން އެހީތެރިކަން ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 22 ވަނަ ދުވަހުން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. މި ސްކީމަކީ ދަނޑުވެރިކަމުގެ ސިނާއަތުން ގައުމުގެ އިގްތިސާދަށް ކުރާ މަންފާ އިތުރުކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން