މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ "އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް" ގެ ދެވަނަ ބުރު މިއަދު އިއުލާންކޮށްފިއެވެ. "ދަނޑުވެރި މަންފާ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި ސްކީމަކީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މި ގްރާންޓް ސްކީމްގެ ދަށުން އެންމެ ގިނަވެގެން 150,000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މުޅި މަޝްރޫއަށް ހިނގާ ހަރަދުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރެއް ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެއެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ އެ ތިން އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
މި ޕްރޮގްރާމްގެ ދެވަނަ ބުރުވެސް ހާއްސަކޮށްފައިވަނީ 'ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން' އަށެވެ. މީގެ ތެރޭގައި ގްރީންހައުސް އިންސްޓޯލްކުރުމާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް ޒަމާނީ މީޑިއަމްއެއް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން ހިމެނެއެވެ. މަޝްރޫއު ފުރިހަމަކުރުމަށް ބޭނުންވާ އިތުރު ފައިސާ، އަމިއްލަ ހަރަދުގައި ނުވަތަ "ދަނޑުވެރި ނަފާ" ފައިނޭންސިންގ މެދުވެރިކޮށް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "މި ޕްރޮގްރާމުގެ ސަބަބުން ދަނޑުވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، އުފެއްދުންތެރިކަމާއި، އައު އީޖާދުތަކާއި، އަދި ދެމެހެއްޓެނިވި ކުރިއެރުމަށް އިންވެސްޓްކުރުމަށް ބާރުލިބިގެންދާނެ" ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އުތުރުގެ ތިން އަތޮޅުގެ 26 ރަށެއްގައި ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ތަފާތު ބާވަތްތައް ހެއްދުމުގެ ޓެކްނިކަލް ތަމްރީންތައް ދަނީ ދެމުންނެވެ. މީގެ މައިގަނޑު މަގްސަދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ޒުވާނުންނާއި ދަނޑުވެރިން އަހުލުވެރިކުރުވުމެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް 22 ޖުލައި 2026 އިން ފެށިގެން ހުޅުވާލެވޭނެއެވެ. ހަމައެއާއެކު، އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭގޮތަށް ބަދަލުކޮށްފައިވާ "ދަނޑުވެރި ނަފާ" ފައިނޭންސިންގ އަށް އެދުމުގެ ފުރުސަތުވެސް ހަމަ އެ ތާރީޚުގައި ހުޅުވާލާނެއެވެ. މި ފައިނޭންސިންގގެ ދަށުން 2 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ހޯދުމަށް ހުށަހެޅޭނެއެވެ.