ސްވިޗް ޖައްސައިލީމާ ރޮބޮޓުން ކަންކަންބަދަލުކުރާ ގޮތަށް އިންސާނުންނަށް އެކަމެއް ނުކުރެވޭނެއެވެ. ފިރިމީހާއަކަށްވެސް އަދި އަނބިމީހާއަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެންދިއުމަށްފަހު ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ތިމާގެ ޢާއިލާގެ މީހުން ކަންކަންކުރާގޮތަށް ކަންކަންކުރަން އނބިމީހާއަށް މަޖުބޫރުކުރުވުން އެބަހިމެނެއެވެ. އަދި އެގޮތަށް ކަންތައްތައް ނުކުރެވޭނަމަ އަނބިމީހާއަށް އެބަ ނަފްރަތުކުރެވެއެވެ.
މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަނބިމިހާ ތަރުބިއްޔަތުވެފައި ހުންނާނީ ފިރިމީހާގެ ޢާއިލާއިން ބޭނުންވާ ގޮތަށް ކަންކަން ކުރަން ނޫންކަމަށްވެދާނެއެވެ. އެހެނީ ކޮންމެ ޢާއިލާއެއްގެ ތެރޭގައިވެސް ކަންކަން ކުރުމުގައި ތަފާތުތަކެއް ހުންނާނެތީއެވެ.
އަނބިމީހާއަށް ދަސްވެފައިހުރި ބައެއް އާދަތަކަކީ ތިމާގެ ޢާއިލާގެތެރޭގައި އެކަންކަން ކުރެވޭ ގޮތަށްވުރެ ރަނގަޅު ގޮތަކަށްވެސް ވެދާނެއެވެ. ވީމާ ގެންނަންޖެހޭ ބަދަލުތައް ގެންނަން އަނބިމީހާއަށް ވަޤުތުދޭންޖެހޭނެއެވެ. އަދި އޭނާ ދޫކުރަން ބޭނުން ނުވާ އާދަތައް ދޫނުކުރުމުގެ ޙައްޤުވެސް އަނބިމީހާއަށް ދޭންޖެހޭނެއެވެ.
ވީމާ އަނބިމީހާއަށް ހިފިފައި ހުރި ހުރިހާ އާދަތަކެއް ވަޤުތުން ދޫކޮށްލަން މަޖުބޫރުނުކުރުވާށެވެ. އެއިރުން ދުވަސްކޮޅެއްވުމުން އޭނާއަށް ރަނގަޅުގޮތް ވިސްނި ގެންނަންޖެހޭ ބަދަލުތައް ގެންނާނެއެވެ. އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ.
މިމައްސަލަ ބޮޑަށް ކުރިމަތިވާނީ ޢާއިލާ އެކުގައި ދިރިއުޅޭނަމައެވެ. ކައިވެނިކުރުމަށްފަހު ދެމަފިރިން ވަކިދިރިއުޅުމެއް އުޅޭނަމަ މިމައްސަލަ ޙައްލުވެގެންދާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ކައިެނިކުރުމަށްފަހު ދެމަފިރިން އެކަނި، ޢާއިލާ އާއި ވަކިދިރިއުޅުމެއް އުޅެން ފެށުމެވެ.
- ހީނާ ޚާން-މުޚްތާރުގެ ވާހަކަފުޅަކުން