ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ 3

ކިޔުމަށް ހޭދަވާނީ 3މ 9ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ 3

އަލީ އިހްސާން ފިރާގް

ޔަޒްދުގިރުދު އެމީހުންނަށް އަމުރުކޮށްފައިވަނީ އެ ސަރަހައްދުން ލިބެން ހުރި އެންމެހާ ހަތިޔާރެއް ހޯދުމަށެވެ. އޭނާގެ ރަސްކަމާ ނުރުހިތިބި ޤަބީލާތަކުގެ ރުހުން ހޯދުމަށްވެސް ވަރަށް މަސައްކަތް ކުރިއެވެ. އެކަން އޭނާ ކާމިޔާބުވެސް ކުރިއެވެ. އޭނާ އަހައްމިއްޔަތުކަން ދިން އަނެއްކަމަކީ އެންމެފަހުން މުސްލިމުން ފަތަޙަ ކުރި ތަންތަނުގެ ކޮންޓްރޯލް ނެގުމެވެ. އެގޮތުން އެތަންތަނަށް އޭނާގެ އެޖެންޓުން ފޮނުވިއެވެ. އެބައިމީހުން އެ ސަރަހައްދުގެ ޤަބީލާތަކުގެ ވެރިންނަށް މަޖްބޫރު ކުރަމުން ގެންދިޔައީ މުސްލިމުންނާއެކު ވެފައިވާ ޞުލްޙައިގެ އެއްބަސްވުން އުވައިލުމަށެވެ. އަލުން އެނބުރި އެބައިމީހުންގެ ވެރިންނަށް ބައިއަތު ހިފުމަށެވެ.

މި މުހިންމު މަޢުރިކާގެ ވެރިއަކަށް ހުންނަވަން ބޭނުންފުޅުވީ ޚުދު ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހުއެވެ. އެހެންކަމުން އެކަލޭގެފާނު މަދީނާގެ ކަންތައްތައް ހަމަޖެއްސުމަށް ޢަލީގެފާނާ ޙަވާލުކުރެއްވިއެވެ. މަދީނާއިން ފުރާވަޑައިގެންނެވުމުގެ ކުރިން ޢުމަރުގެފާނު ޢުޘްމާނުގެފާނާއި އެނޫންވެސް ޞަޙާބީންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ. އިސްލާމީ ވެރިކަން ހިންގުމުގެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން އެއް އުސޫލަކީ މަޝްވަރާކުރުމުގެ ނިޒާމެވެ. އަމީރުލް މުއުމިނީންނަށް ލަފާދެއްވާ ކޮމެޓީގެ ކޮންމެ މެންބަރަކަށްވެސް މިނިވަންކަމާއެކުގައި އެބޭކަލެއްގެ ޚިޔާލުފުޅު ފާޅުކުރެވެއެވެ.

ޢުމަރުގެފާނު މަޝްވަރާ މަޖިލިސަށް ބޭކަލުން އެއްކުރައްވާ އެކިބޭކަލުންގެ މަޝްވަރާތައް އަޑު އައްސަވަމުން ގެންދެވިއެވެ. ގިނަ ބޭކަލުން އެދެވިވަޑައިގެންނެވީ ޢުމަރުގެފާނު ލަޝްކަރުގެ ކޮމާންޑަރެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް އެއްބޭކަލަކު އެކަމަށް އިޢުތިރާޟު ކުރެއްވިއެވެ. އެބޭކަލަކީ ސުވަރުގެ ލިބޭނެކަމަށް ޙަދީޘުގައި ވާރިދުވެފައިވާ ދިހަ ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. ދީލަތިފުޅުކަމުގައި މިސާލުޖެހެވޭ ބޭކަލެކެވެ. ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަ ﷲ ޢަންހުއެވެ. އެކަލޭގެފާނުގެ ޚިޔާލުފުޅު ފާޅުކުރައްވަމުން ވިދާޅުވިއެވެ.

[ހަނގުރާމައިގައި ކޮންމެ ނަތީޖާއެއްވެސް ނިކުތުމުގެ ފުރުސަތު އެބައޮތެވެ. ހަނގުރާމައިގެ އުޑި ކޮންމެ އަތަކަށްވެސް އެނބުރިދާނެވެ. ކަލޭގެފާނު މިހަނގުރާމައިގައި ބައިވެރިވެވަޑައިގެން ޝަހީދުވެއްޖެނަމަ މުސްލިމުން ބަލިކަށިވެގެންދާނެއެވެ. އެގޮތަށް الله މިންވަރު ނުކުރައްވާށިއެވެ. އަޅުގަނޑުގެ މަޝްވަރާއަކީ ކަލޭގެފާނު އެނބުރި މަދީނާއަށް ވަޑައިގެންނެވުމެވެ. ކަލޭގެފާނުގެ ބަދަލުގައި ޒިންމާދާރު އަމާނާތްތެރިއަކު އައްޔަން ކުރުމެވެ. އެމީހަކު މުސްލިމުންގެ ކޮމާންޑަރަކަށް ހައްދަވާނީއެވެ.]

ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަ ﷲ ޢަންހުގެ ޚިޔާލުފުޅާއެކުގައި މަޝްވަރާ މަޖިލިހުގައި އައު ބަހުސަކަށް ތަންދީފިއެވެ. ބައެއް ބޭކަލުން އެބޭކަލުންގެ ކުރީގެ ވިސްނުންފުޅު ބަދަލު ކުރައްވައިފިއެވެ. ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަ ﷲ ޢަންހުގެ ޚިޔާލުފުޅަށް ތާއީދު ކުރައްވައިފިއެވެ. ޚުދު ޢުމަރުގެފާނުވެސް އެ ޚިޔާލުފުޅާ ރުހިވަޑައިގެންނެވިއެވެ. ނަމަވެސް މިހާރު މަޖިލީހަށް އައު ސުވާލެއް ކުރި މަތިވެއްޖެއެވެ. ޢުމަރުގެފާނު މަދީނާގައި މަޑުކުރައްވައިފިނަމަ ލަޝްކަރުގެ ކޮމާންޑަރަކަށްވާނީ ކާކުތޯ. މި ސުވާލެވެ. އެކަމުގެ ހައްލުވެސް ބަޔާންކޮށްދެއްވީ ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަ ﷲ ޢަންހުއެވެ. އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

[އޭ އަމީރުލް މުއުމިނީންއެވެ. މި ހަނގުރާމައިގެ ވެރިއަކަށް އެންމެ އެކަށީގެންވާ މީހާ މިހާރުވެސް ކަލޭގެފާނުގެ ގާތުގައި އެބަ ހުންނެވިއެވެ.]

މީސްތަކުން އެއީ ކާކުތޯ ދެންނެވުމުން ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. [ސަޢުދު ބިން އަބީ ވައްޤާޞުއެވެ. އެކަލޭގެފާނަކީ ސިންގާއެއް ފަދަ ބޭކަލެކެވެ.]

ސަޢުދު ބިން އަބީ ވައްޤާޞު ރަޟިޔަ ﷲ ޢަންހުއަކީވެސް ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންފައިވާ ދިހަ ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. އެކަލޭގެފާނުގެ ޤިޔާދަތާ ނުހުރޭހެ މީހަކު ނުހުންނާނެއެވެ. އެކަލޭގެފާނަކީ ހިތްވަރުފުޅުގަދަ ފިރިހެންވަންތަ މުޖާހިދެކެވެ. ޙަޤީޤަތުގައިވެސް އިސްލާމްދީނުގެ ސިންގާއެކެވެ. ޢުމަރުގެފާނު ޢަބްދުއްރަޙްމާންގެ މި ޚިޔާލުފުޅަށް ތާއީދުކުރެއްވިއެވެ. އެކަލޭގެފާނަށް ތާރީފު ކުރެއްވިއެވެ. ސަޢުދު ބިން އަބީ ވައްޤާޞުވަނީ ޢިރާޤަށް ހަމަލަދޭން ފޮނުވި ލަޝްކަރުގެ ކޮމާންޑަރުކަންވެސް ކުރައްވާފައެވެ.(ނުނިމޭ).

 

މިއަދު އޮންލައިން