ޕޮލިޓެކްނިކްގައި ޤާއިމްކުރާ ކަލްޗުރަލް ސެންޓަރާއެކު ފޭލިވިޔުމުގެ މަސައްކަތް އާލާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޕޮލިޓެކްނިކްގައި ޤާއިމްކުރާ ކަލްޗުރަލް ސެންޓަރާއެކު ފޭލިވިޔުމުގެ މަސައްކަތް އާލާކުރަނީ

މޯލްޑިވްސް ޕޮލިޓެކްނިކްގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަލްޗުރަލް ސެންޓަރުގެ މަސައްކަތް މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ނިންމައި، އެތަނުގައި ފޭލިވިޔުމުގެ މަސައްކަތް ދިރުވައި އާލާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، ޕޮލިޓެކްނިކްގައި ޤާއިމްކުރާ މި ސެންޓަރާއެކު ފޭލިވިޔުމުގެ ދާއިރާއިން ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ސަގާފީ މި މަސައްކަތް އާ ޖީލުތަކަށް ދަސްކޮށްދީ، މި މަސައްކަތް ދިރުވައި އާލާކުރުމެވެ.

ޒިޔާއު އިތުރަށް ވިދާޅުވި ގޮތުގައި، މާލޭގެ އިތުރުން ބ. ތުޅާދޫ އަދި ގދ. ގައްދޫގައިވެސް ކަލްޗުރަލް ސެންޓަރުތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސެންޓަރުތައް ހުޅުވުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. އެ ސެންޓަރުތަކުގައި ފޭލިވިޔުމަށް ޚާއްސަ މެޝިންތައް ބަހައްޓައި، އެ މަސައްކަތް އުނގަންނައިދެވޭނެ އިންތިޒާމުތައް ފުރިހަމަކުރެވޭނެއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަން ލިބެމުންދާކަން ޒިޔާއު ފާހަގަކުރެއްވިއެވެ. އެގޮތުން ވިދާޅުވީ، "އަޅުގަނޑުމެންނާއި އެކު އެބަ މަސައްކަތް ކުރޭ މެކްސް ޖަމިއްޔާއިން. މިކަހަލަ މަސައްކަތް ކުރާ ވަރަށް ގިނަ މީހުންނާއި އެކު ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރިއަށް އެބަދޭ،" ކަމަށެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ ސަގާފީ މަސައްކަތްތެރިކަން ރައްކާތެރިކޮށް، އިޤްތިޞާދީ ގޮތުން އެ މަސައްކަތްތަކަށް ދިރުން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން