ރާއްޖޭގެ ޒަކާތު ހައުސްއިން، ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަމުގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ފޯރުކޮށްދީފިއެވެ. މިއީ ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ދިިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދޫކުރި ފައިސާއެކެވެ.
ޒަކާތު ހައުސްއިން މައުލޫމާތު ދެއްވި ގޮތުގައި، ބޯންމެރޯ ހެދުމަށް ކަނޑައަޅާފައިވާ މި ފައިސާ މިހާރު ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް އިއްޔެގެ ވަގުތެއްގައި ޖަމާކޮށްފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ކުދިންގެ ޚަރަދުތައް ހަމަޖެއްސުމަށެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ ޒަކާތު ފަންޑުގެ އެހީގައެވެ. މި އެހީ ފޯރުކޮށްދެނީ 21 ފެބްރުއަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ޚާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.
ޒަކާތު ފަންޑަކީ ބަލިމީހުންނަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކުރާ ފަންޑެކެވެ. އެގޮތުން، 2014 ވަނަ އަހަރުން ފެށިގެންވެސް މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ޒަކާތު ފަންޑުން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންދާކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ބޯންމެރޯ ހެދުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ފަހިކޮށްދިނުމެވެ. މިގޮތުން ޒަކާތު ހައުސްއިން ފޯރުކޮށްދިން މި އެހީއަކީ އެ މަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.