މިއަހަރުގެ ތެރޭގައި "މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ" ކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިއަހަރުގެ ތެރޭގައި "މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ" ކުރުމަށް ނިންމައިފި

އާބާދީގެ ސިއްޙީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުތައް ދެނެގަތުމަށްޓަކައި، މިއަހަރުގެ ތެރޭގައި "މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ" (މިކްސް) ކުރުމަށް ނިންމާފައިވާކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

މި ސާރވޭއަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި، އާބާދީގެ ސިއްޙީ ހާލަތާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި، ތައުލީމު ހިމެނޭހެން 100 އަށްވުރެ ގިނަ މިންގަނޑުތަކަށް މައުލޫމާތު އެއްކުރެވޭނެ ދިރާސާއެކެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ދިރާސާގެ މުހިއްމު އެއް ބޭނުމަކީ ރާއްޖޭގެ ދުރުރާސްތާ ޕްލޭންތަކާއި ސިޔާސަތުތަކަށް ބޭނުންވާ މައުލޫމާތު ހޯދުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު ބެލުމަށް ބޭނުންވާ ތަފާސްހިސާބުތައް އަދާހަމަކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ އަލީ ވިދާޅުވީ، ވަރަށް އަވަހަށް މި ސާރވޭ ކުރިއަށްގެންދާނެ ކަމަށާއި، މިފަހަރުގެ ސާރވޭގެ ތެރޭގައި ނަފްސާނީ ސިއްޙަތާ ބެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

"ރާއްޖޭގައި އަދި ނޭޝަން ވައިޑްކޮށް ދިރާސާއެއް ހެދިފައެއް ނެތް. އުންމީދު ކުރަނީ ސަރުކާރުގެ ތެރެއިން ވަރަށް އަވަހަށް މިކްސް ސަރވޭ ކިޔާ ސަރވޭއެއް ކުރިއަށް ގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ ކުރިން މިކްސް ސާރވޭ ހަދާފައިވަނީ 1996 އަދި 2001 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޤައުމީ ފެންވަރުގައި ކުރެވުނު އެންމެ ބޮޑު ސިއްޙީ ދިރާސާއަކީ 2016-2017 ވަނަ އަހަރު ކުރިއަށްގެންދިޔަ "ޑިމޮގްރަފިކް ހެލްތު ސާރވޭ" އެވެ.

މިއަދު އޮންލައިން