ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) މެދުވެރިކޮށް ދޫކުރާ ޤައުމީ ދިރާސާ ފަންޑުގެ ފުރަތަމަ އެހީ، އެކަމަށް ހޮވުނު ފަރާތްތަކާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ. މި އެހީ ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަކީ "ނޭޝަނަލް ރިސާޗް ފަންޑް: އިމާޖިންގ ރިސާޗް ގްރާންޓްސް" (އެންއާރުއެފް-އީއާރުޖީ) ކޯލް 1 ގެ ދަށުން ހޮވުނު ފަރާތްތަކަށް އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަޙްމަދު ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވަނީ ޤައުމީ އިސްކަންދޭ ދާއިރާތަކުގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި ދިރާސާކުރުމާއި އައު އީޖާދުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ހަފުލާގައި އެންއާރުއެފް-އީއާރުޖީ ކޯލް 1 އަށް ހޮވުނު ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ އެހީގެ ލިޔުން ހަވާލުކޮށްފައެވެ. މި އެހީގެ މައިގަނޑު މަޤްޞަދަކީ ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމާއި، އައު އީޖާދުތަކަށް މަގުފަހިކުރުމުގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކެއް ހޯދުމެވެ.
ޤައުމީ ޔުނިވަރސިޓީން ބުނި ގޮތުގައި، މި ފަންޑުގެ ސަބަބުން ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ޤައުމީ ފެންވަރުގައި ބޭނުންތެރި މަޢުލޫމާތުތަކެއް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.