ޢާއިޝަތު ރަފާޙް ޢަލީ
ބައެއް މީހުން އަޅުކަން ކުރެއެވެ. އަޅުކަން ކުރަމުންވެސް ފާފަތައް ކުރެއެވެ. އެއީ ހިތުގެ ކޮންޓްރޯލް އެމީހެއްގެ އަތްމައްޗަށް ނުއަރާތީއެވެ. ނުވަތަ ހިތްކޮންޓްރޯލް ނުކުރެވޭތީއެވެ. އެއީ ހަވާނަފުސް ކޮންޓްރޯލްނުކުރެވޭތީއެވެ. ވީމާ ހިތުގެ ކޮންޓްރޯލް ލިބިގަތުމަށް އެދިގެން ފުރަތަމަވެސް މި ދެކަންތައް ކޮށްބަލާށެވެ! އެމީހަކަށް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ
ފާފަކުރުން ހުއްޓާލަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް އީމާންކަން ވަރުގަދަކުރާށެވެ!
· ފާފަކުރުން ހުއްޓާލުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ އީމާންކަން ވަރުގަދަކުރުމެވެ. އެކަމަށް އެދިގެން ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ކިޔަމަންވާނެއެވެ.
ﷲ ތަޢާލާ ތައުބާ ސޫރަތުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ﴿٢٤﴾
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. (24)
އީމާންކަން ވަރުގަދަ ކުރުމަށްޓަކައި ގިނަގިނައިން ޛިކުރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އަބަދުވެސް سُبْحَانَ اللَّهِ وَبِحَمْدِهِ، أستغفر الله ފަދަ ބަސްތަކުން އަބަދުވެސް ޛިކުރުކުރުމަކީ ޘަވާބުވެސް ލިބޭނެ އަޅުކަމެކެވެ. އަދި ބަރަކާތްވެސް ލިބޭނެ އަޅުކަމެކެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿فَاذْكُرُونِي أَذْكُرْكُمْ﴾
މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ."