ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
"لو علم الله شيئًا في العقوق أدنى من أفٍ لحرمه، فليعمل العاق ما شاء فلن يدخل الجنة "،
މާނައީ: މައިންބަފައިންނަށް ނުރުހުންވެ ނުކިޔަމަންތެރިވުމުގެ ތެރޭގައި އުއްފު އޭ ބުނުމަށްވުރެ ކުޑަކަމެއް ހިމެނޭ ކަމުގައިވިޔަސް އެކަމެއް ﷲ ތަޢާލާ ޙަރާމް ކުރެއްވީހެވެ. އަދި ނުކިޔަމަންތެރިވެ އެފަދައިން ކަންތައް ކުރާނަމަ ސުވަރުގެއަށް ނުވަންނާނެއެވެ."
މައިންބަފައިންނަކީ އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް އުފަން ކުރުމަށް ވަރަށް ބޮޑު ޤުރުބާނީ އެއް ވެފައިވާ ބައެކެވެ. އަދި އަބަދުވެސް އެންމެ ހެޔޮއެދޭ އެއް ބައެވެ. ނަމަވެސް އެމީހުން މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ގިނަ ފަހަރަށް މުޖުތަމަޢުގައި އެމީހުން ބާކީ ކޮށްލާ އެމީހުންނަށް އަޅާނުލާ ދޫކޮށްލައެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގަ އާއި ރަސޫލާ ޞައްލަﷲ އަލައިިހި ވަސައްލަމް ގެ ސުންނަތުގައި މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި އޯގާތެރިވުމަށް ވަރަށް ގިނަ ފަހަރަށް އަންގަވާފައިވެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ 23 ވަނަ އާޔަތުން 25 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ ۚ إِن تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا ﴿٢٥﴾
މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24) ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުންނީ، صالح ބަޔަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ حضرة އަށް رجوع ވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. (25)"
އެންމެ ފުރަތަމަ މިލިޔުމުގައި މިބަޔާން ކުރެވުނު ޙަދީޘުގައި އެއޮތީ މައިންބަފައިންނާއި ދިމާއަށް އުއްފުގެ މިންވަރުވެސް ނުބުނުމަށެވެ. އަދި އެމީހުންނަށް އިޙްތިރާމް ކުރުމަށާއި، އެމީހުންގެ ބަސް ޤަބޫލު ކުރުމަށެވެ.