ހުކުރުދުވަހުގެ ފައިދާ އެންމެ ރަނގަޅު ގޮތުގަ ލިބިގަންނަން މަސައްކަތްކުރަންވީ ސަބަބުތަކުގެތެރެއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހުކުރުދުވަހުގެ ފައިދާ އެންމެ ރަނގަޅު ގޮތުގަ ލިބިގަންނަން މަސައްކަތްކުރަންވީ ސަބަބުތަކުގެތެރެއިން-

ހުކުރު ދުވަހުގެ ފައިދާ ވީހާ ރަނގަޅު ގޮތުގައި ލިބިގަންނަން މަސައްކަތްކުރަންޖެހޭ ސަބަބުތަކުގެ މަތިން ގިނަގިނައިން ހަނދާންކޮށްދެވެނީ އެކަމަށް ގިނަ ބައަކު އިހުމާލުވާތީއެވެ. އަޅުކަންކުރަން އޮތްވަރާއި ގާތަކަށްވެސް ނުކުރެވޭތީއެވެ. ދުޢާޢިޖާބަކުރައްވަވާ ވަޤުތުކޮޅަށް ސަމާލުކަން ނުދެވޭތީއެވެ.  

އަޅުގަނޑުމެންގެ ޙަޔާތް ވޭތިކުރަން އޮތީ އެންމެ ފައިދާހުރި ގޮތުގައެވެ. އެންމެ ޒުވާން ޢުމުރުން ފެށިގެންވެސްމެއެވެ. އެންމެ ދުވަހެއްވެސް ނަގައިނުލައެވެ. އެންމެ ހަފްތާއެއްވެސް ނުގެއްލޭނެ ގޮތަށެވެ. މީޒާނުގައި ޢަމަލުތައް ކިރައިލެވޭނެ ވަޤުތު ހެޔޮކަމުގެ ކޮޅަށް ބުރަކޮށްލެވެން އޮތީ އެއިރުންނެވެ.  

އެންމެ ދުވަހެއްވެސް ދޫކޮށްނުލައި ކޮންމެ ދުވަހަކީވެސް ހެޔޮޢަމަލުތައްކުރާ ދުވަހަކަށްހަދާށެވެ! ފަރުޟު ނަމާދުތަކަށާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާށެވެ. 2 ކިޔަންޖެހޭ ޛިކުރުތައް ކިޔަމުން ގެންދާށެވެ. ކުރެވުނުވަރަކަށް ރޭއަޅުކަންވެސް ކުރަމުން ގެންދާށެވެ!  

ހުކުރު ދުވަސް އައުމުން ހިތްވަރު އިތުރުކޮށްލާށެވެ! ޢާއިލާގެ މީހުންނަށް ހެޔޮކޮށްހިތުމާއި ދުޢާކުރުން ގިނަކުރާށެވެ. ހުކުރު ދުވަހުގައި ދުޢާ ޢިޖާބަކުރައްވަވާ ވަޤުތު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ.  

ހަފްތާގެ 7 ދުވަސް މިބުނިމަގުން ހޭދަކުރާ މީހަކަށް އަބަދުވެސް އޮތީ އުފާވެރިކަމެވެ. މިބުނަނީ ދުނިޔޭގައިވެސް ހިތްހަމަޖެހުން ދެއްވަވާނެކަމަށާއި އަދި އާޚިރަތުގައިވެސް އުފާވެރިކަން ދެއްވަވާނެ ވާހަކައެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ހުކުރު ދުވަހަކީ އަޅުކަމުގެ ދުވަހެއް- 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"ފަހެ ހުކުރު ދުވަހަކީ އަޅުކަމުގެ ދުވަހެކެވެ. ދުވަސްތަކުގެ ތެރޭގައި އެދުވަސްވަނީ މަސްތަކުގެ ތެރޭގައި ރަމަޟާން މަސް ވާ ފަދައިންނެވެ. އަދި ރަމަޟާން މަހުގައި ލައިލަތުލް ޤަދްރި ވާ ފަދައިން ހުކުރުދުވަހުގައިވެސް ދުޢާ އިޖާބަކުރެއްވޭ ވަގުތެއް ވެއެވެ. އެހެންކަމުން އެމީހެއްގެ ހުކުރުދުވަހުގެ ކަންތައްތައް ރަނގަޅު ވެއްޖެއްޔާ މުޅި ހަފްތާ ރަނގަޅުވެގެން ދެއެވެ. އަދި އެމީހެއްގެ ރަމަޟާން މަހުގެ ކަންތައްތައް ރަނގަޅު ވެއްޖެއްޔާ މުޅި އަހަރު ރަނގަޅުވެގެން ދެއެވެ. އަދި އެމީހެއްގެ ޙައްޖު ރަނގަޅު ވެއްޖެއްޔާ އެމީހެއްގެ މުޅި ޢުމުރު ރަނގަޅުވެގެން ދެއެވެ. ހުކުރުދުވަހަކީ ހަފްތާގެ މީޒާނެވެ. ރަމަޟާން މަހަކީ އަހަރުގެ މީޒާނެވެ. އަދި ޙައްޖަކީ ޢުމުރުގެ މީޒާނެވެ."  

[زاد المعاد لابن القيم (1 / 386)]

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން