އަތޮޅުތެރޭގެ ފިހާރަތަކުންވެސް ތަކެތި ލިބެން ހުންނަ އަގުތައް "އަގުމަގު" ޕޯޓަލުން ފެންނާނެގޮތް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަތޮޅުތެރޭގެ ފިހާރަތަކުންވެސް ތަކެތި ލިބެން ހުންނަ އަގުތައް "އަގުމަގު" ޕޯޓަލުން ފެންނާނެގޮތް ހަދަނީ

"އަގުމަގު" ޕޯޓަލް މެދުވެރިކޮށް އަތޮޅުތެރޭގެ ފިހާރަތަކުންވެސް ތަކެތި ލިބެން ހުންނަ އަގުތައް ފެންނާނެގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް ފަސޭހައިން ބަލާލެވޭ ގޮތަށް އެ ވުޒާރާއިން ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.

އިޤުތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ވިދާޅުވީ، އަގުމަގު ޕޯޓަލްއިން މިހާރު ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގައި ތަކެތި ވިއްކަން ހުންނަ އަގުތައް ކަމަށެވެ. ނަމަވެސް މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުގައި ތަކެތި ވިއްކަން ހުންނަ އަގުތައް އަންނަ ޖުލައި މަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ފެންނާނެ ގޮތް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި ބަދަލާއެކު ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތުގެ ފަންނީ ތަފްސީލު ދެއްވަމުން ރިފާޢު ވިދާޅުވީ، "ޕީއޯއެސް އިންޓަގްރޭޓް ކުރެވޭ ހިސާބުން ފެށިގެން ރަށްރަށުގެ އެކި އައުޓްލެޓްތަކުގަވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ. މިއާއެކު މުޅި ރާއްޖެއަށް އަގުމަގު ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ،" ކަމަށެވެ.

އިޤުތިޞާދީ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ ޖުލައި މަސް ނިމުމުގެ ކުރިން މި މަޝްރޫޢުގެ ބޮޑުބައެއް ނިންމައި، އަތޮޅުތެރޭގެ ވިޔަފާރިތަކުގެ އަގުތައްވެސް އާންމުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

މިއަދު އޮންލައިން