ލަންޑަން: އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ "ލަންޑަން ކްލައިމެޓް ވީކް" ގެ ތެރެއިން ބޭއްވި "ކާބަންއެކްސް ޕްރޮގްރާމް 2.0" (CarbonX Program 2.0) ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާއި ހަކަތައާ ގުޅޭ ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އާދަޔާ ހިލާފު އައު އީޖާދުތަކާއި ވަސީލަތްތައް ރާއްޖެއަށް ތައާރަފުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކޮށް، އެކަމަށް އޮތް އިތުބާރު އާކުރުމެވެ.
މި ހަފުލާގައި އިއުލާންކުރި ގޮތުގައި، ޓެންސެންޓް (Tencent) ކުންފުނީގެ ކާބަންއެކްސް ޕްރޮގްރާމް 2.0 ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ރާއްޖޭގެ އއ. ހިމަންދޫގައި ކުރިއަށްގެންދާ "ލޯންގް-ޑިއުރޭޝަން އެނާޖީ ސްޓޯރޭޖް" މަޝްރޫއު ވަނީ ހިމެނިފައެވެ. މި މަޝްރޫއުގެ ދަށުން ހިމަންދޫގައި 'ފްލޯ ބެޓަރީ އެނާޖީ ސްޓޯރޭޖް' ނިޒާމެއް ގާއިމުކޮށް، އެ ރަށަކީ ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ރަށަކަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ގައުމީ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެދުމެވެ. ހިމަންދޫގައި ކުރިއަށްގެންދާ މި މަސައްކަތަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު އުފެއްދުމުގެ ނިޒާމެއް ގާއިމުވެގެންދާނެއެވެ. މިއީ ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ހަބަރު: ސަރުކާރު