ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ތިމާ ބިންމަތީގައި ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝި 7 އުޑުމަތީގައިވުމުން ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ވަރަށް ބޮޑު ދުރުމިނެއް އެބަހުރި ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ތިބާ އުޅެމުން އަންނަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށްކަމުގައިވާނަމަ ތިބާއާއި އެންމެ ގާތުގައި އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވެއެވެ. ހީވެސް ނުކުރެވޭހައި ގާތުގައެވެ.
ތިބާގެ ދުލުން ބުނާ ކޮންމެ ބަހެއް ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. ތިބާ ކުރާކޮންމެ ކަމެއް ﷲ ތަޢާލާ ދެމެވޮޑިގެންވެއެވެ. ތިބާއާއި އެންމެ ގާތުގައި އިން މީހާއަކަށްވެސް ތިބާގެ ހިތަށް އަރާ އެއްޗެއްސެއް ނުއެނގެއެވެ. ކަންބޮޑުވުންތަކެއްވެސް ނުއެނގެއެވެ. އެކަމަކު ﷲ ތަޢާލާ އެހުރިހާ ކަންކަން ދެނެވޮޑިގެންވެއެވެ.
އެހެންކަމާއިއެކުގައިވެސް އަހުރެމެން ކޮންމެހެން ކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ކަމެއް މެދުވެރިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށް އަވަސްވެގަތުމެވެ. ދުޢާކުރަން އަވަސްވެގަތުމެވެ. ދުޢާކުރާއިރު ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކަށް ޙަމްދުކޮށް ޝުކުރުވެރިވާކަން ބަޔާންކުރާށެވެ! އެއަށްފަހު ތިބާ ބޭނުންވާ ކަންތަކުގެ ވާހަކަ ދަންނަވާށެވެ!
ވީމާ ތިބާގެ ބައިވެރިޔާ ތިބާއަށް ދެރައެއްދޭން އުޅުނަސް، ޢާއިލާގެ މީހަކު ނުވަތަ އެކުވެރިއަކު ދެރައެއް ދޭން އުޅުނަސް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާއަށް އެނގިވޮޑިނުގަންނަވާނެ ގޮތަކަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ.
ދެން އެންމެ ގިނަ ބައަކުބޮޑުވަނީ ތިމާދެކެ ރުޅިއައިސް ހަސަދަލައިގެން އޭނާ ނުވަތަ އެބައަކު ކުރާނެކަމެއް ނުވަތަ ދޭނެ ގެއްލުމެއް ނުއެނގޭތީއެވެ. އެއީވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ތިބާއަށް އެކަން ނުއެނގުނަސް ތިބާއާއިއެކު ވޮޑިގެންވާ ﷲ ތަޢާލާ އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ.
މިކަންކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކުރާ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. ދެރައެއްދޭން ކަމެއް ކުރިނަމަވެސް އެކަމަކުން ތިބާއަށް ކުރާނީ ފައިދާއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން