ސިޔާސީ މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތް މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައި: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސިޔާސީ މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތް މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައި: ތަރުޖަމާނު

ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރު އޮތީ އެކަމާ ގުޅޭ ފިޔަވަޅުތައް އެޅުމުގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ތަރުޖަމާނު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި ބައެއް އިދާރާތަކުގެ އިވެލުއޭޝަން މަރުހަލާ މުޅިން ނިމިފައިވާކަން ފާހަގަކުރައްވަމުން، ދެން އޮތީ އެ މައުލޫމާތުތަކުގެ އަލީގައި ތަންފީޒީ ފިޔަވަޅުތައް އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ބޭނުމަކީ ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތްތައް ތަރުތީބުކުރުން ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. "އިވެލުއޭޓްކުރަނީ ހަގީގަތުގައި ނީޑެޑް ކެޕޭސިޓީ ގެނައުމުގެ ނިއަތުގައި. މިސާލަކަށް އެސްއޯއީތައް ވެއްޖެއްޔާ އޮންނާނެ ވަން ތާރޑްކަމަށްބަލާފައި މަދުކުރުން ނުވަތަ އުނިކުރަން. ސަރުކާރުގެ ސިޔާސީ މަޤާމުތައް ވަކި އަދަދަކަށް އަޅުގަނޑުމެން ތިރިކުރެވޭތޯ މަސައްކަތް ކުރަނީ،" މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވިއެވެ.

ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ ފެންވަރު ވަޒަންކޮށް، ވަކިކުރަން ޖެހޭ ފަރާތްތައް ވަރަށް އަވަހަށް ވަކިކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އިސްލާހީ ފިޔަވަޅުތަކާއެކު ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މަދުވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން