ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތެއް ނޫން: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތެއް ނޫން: ތަރުޖަމާނު

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވަމުން އަންނަ "ޕްރެސް ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިގްތިސާދީ ހަރަކާތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ބުރަ ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ފާހަގަކުރެއްވީ، ރާއްޖޭގެ އެތެރޭގެ ދަރަނި (ޑޮމެސްޓިކް ޑެޓް) މިވަގުތު ހުރީ ހުންނަންޖެހޭ މިންވަރަށް ވުރެ މަތީގައި ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭރުގެ ދަރަނި (އެކްސްޓާނަލް ޑެޓް) ޑީފޯލްޓް ވިޔަ ނުދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އެތެރޭގެ ދަރަނި ކުޑަކުރުމަށް ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި، އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ ޚަރަދުތައް ކުޑަކުރުމަށް ލަފާދެމުންދާކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ "ރައްޔިތުންނާ ސީދާ ގުޅުންހުރި އަސާސީ ކަންކަން ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ" ކަމަށެވެ. މީގެ ބޭނުމަކީ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ތަކުލީފުތައް ކުޑަކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު އޮންލައިން