އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި 'އެމްއެސްއީ ފެސްޓް' ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި 'އެމްއެސްއީ ފެސްޓް' ކާމިޔާބުކަމާއެކު ނިންމާލައިފި

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި 'އެމްއެސްއީ ފެސްޓް' ގެ ހަރަކާތްތައް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ކުދި ވިޔަފާރިތަކަށް ހިތްވަރުދީ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ފެސްޓިވަލް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިޔަފާރިތަކާ ގާތުން މަސައްކަތްކުރާކަން ހާމަކޮށް، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް އޮޅުންފިލުވައިދިނުމަކީވެސް މި ހަރަކާތުގެ ބޮޑު އަމާޒެކެވެ.

މި ފެސްޓިވަލްގެ ތެރެއިން ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 26 ސްޓޯލް ބަހައްޓާފައިވެއެވެ. މި ސްޓޯލްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ދައްކާލުމާއި، ތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. މިއީ ގިނަ ވިޔަފާރިތަކަކަށް އެމީހުންގެ އުފެއްދުންތައް މާކެޓް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

މީގެ އިތުރުން، އައު ވިޔަފާރި ޚިޔާލުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި 'އެމްއެސްއެމްއީ ޕިޗް އަޕް' މުބާރާތްވެސް ވަނީ މި ފެސްޓިވަލްގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ 'ދަ ޖެޓްސް' އެވެ. އެ ފަރާތަށް އިނާމެއްގެ ގޮތުގައި 10,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.

އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 'އެމްއެސްއެމްއީ ބިޔޯންޑް' ގެ ނަމުގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގެ ބޭނުމަކީ އަތޮޅުތެރޭގައި ތިބި ވިޔަފާރިވެރިންނަށްވެސް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ހަރަކާތްތަކުގެ ތެރެއިން ޓީވީއެމް މެދުވެރިކޮށް ހާއްސަ ޓެލެތޯނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ވިޔަފާރިތަކުގެ ހުރި ގޮންޖެހުންތަކާއި، ކުރިއަށްދާން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.

މިއަދު އޮންލައިން