ސަލްޓަން ޕާކުގައި ހުންނަ ތާރީޚީ އަދި އާސާރީ ބިނާއެއް ކަމަށްވާ "އުސްގެކޮޅު" ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. މި ބިނާއަކީ މިހާރު މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ތަނެކެވެ.
"ޕްރެސަރ ވިތް ދަ ސްޕޮކްސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، "އުސްގެކޮޅަކީ ރާއްޖޭގެ ވިރާސީ ރަސްކަމުގެ ވަރަށް މުހިންމު ބިނާއެއް" ކަމަށާއި، އެތަނަކީ ދިވެހި ތާރީޚާ ގުޅިފައިވާ އަގުހުރި ތަރިކައެއް ކަމަށެވެ. އަދި މިފަދަ ތަންތަނަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަންތަނަށް ވުމާއެކު، މިއީ ދައުލަތަށް އާމްދަނީ ހޯދުމަށްވެސް ބޭނުންކުރެވޭނެ ތަންތަންކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބިނާ ސަރުކާރުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެތަނަށް ބަޔަކު ގެއްލުންދެމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، ތަނުގެ އަސްލު ގެއްލޭ ފަދަ އަމަލުތަކެއް ބަޔަކު ވަނީ ހިންގާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަހުގީގެއް ހިންގަމުންނެވެ. އެގޮތުން މި ޢަމަލު ހިންގި ފަރާތްތައް ހޯދުމަށާއި، މިކަން ހިނގާދިޔަ ގޮތް ބަލައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.