ބީއެމްއެލްގެ ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފި: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބީއެމްއެލްގެ ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފި: ތަރުޖަމާނު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން އެއް ޕްރޮޖެކްޓް ފިޔަވައި އެހެން ހުރިހާ މަޝްރޫޢުތަކެއްގެ ކުރެހުންތައް ފާސްކޮށް، ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ 4 ވަނަ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ބީއެމްއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރައްވާފައެވެ.

މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެ ހިމެނޭހެން ބީއެމްއެލްއާ ކުރިން ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ އިތުރުން، އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރަން ސަރުކާރުން މިހާރު ނިންމަވާފައިވާކަމަށެވެ. މި މަޝްރޫޢުތަކަކީ ހުޅުމާލެ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ.

"ބީއެމްއެލްގެ ކެޕޭސިޓީ އެބަހުރި އަދަދު އިތުރުުކުރަން. އިތުރު 710 ޔުނިޓް ސްކީމަށް އިތުރުކޮށް ސޮއިކުރުމާ ހަމައަށް ވަނީ އާދެވިފައި. މަސައްކަތް ނިމޭއިރު 4000އެއްހާ ޔުނިޓް ތަރައްގީކުރާނެ. ދިވެހި އަދި ބޭރު ކޮންޓްރެކްޓަރުން އެބައުޅޭ. ސައިޓް މޮބިލައިޒްކުރުމާ ހަމައަށް ވަނީ އާދެވިފައި،" ތަރުޖަމާނު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް ނިމޭއިރު ޖުމްލަ 4،000 އެއްހާ ހައުސިންގ ޔުނިޓް ތަރައްޤީކުރެވޭނެއެވެ. މި މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރުގެ ކޮންޓްރެކްޓަރުންވެސް ބައިވެރިވާކަމަށާއި، މިހާރު މަސައްކަތް އޮތީ ސައިޓް މޮބިލައިޒްކުރުމާ ހަމައަށް ގޮސްފައިކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން