ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު މަރުކަޒީ ބޭންކުން އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު މަރުކަޒީ ބޭންކުން އިތުރުކޮށްފި

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެކި ބޭނުންތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އިތުރުކޮށްފިއެވެ. މިއީ ބާޒާރުގައި ބޭރު ފައިސާގެ ޑިމާންޑް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބޭންކިން ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.

މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ ހަފްތާއަކު ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު 25 އިންސައްތަ އިތުރުކުރާނެއެވެ. މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް އެ ބޭންކުން ބުނެއެވެ.

އެމްއެމްއޭ އިން ބުނީ މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅި ވަގުތީ ފިޔަވަޅެއް ކަމަށެވެ. މި ބަދަލާއެކު އާންމުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ބޭސްފަރުވާއާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ތެލާއި، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 30 އިންސައްތަ އިތުރުވެފައެވެ.

މިއަދު އޮންލައިން