މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ތ. ދިޔަމިގިލީ ކައުންސިލާ ބައްދަލުކޮށް، އެ ރަށުގެ ތަރައްޤީއާއި ތިމާވެށީގެ ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދިޔަމިގިލީގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ދިޔަމިގިލީ ކައުންސިލުން ބައިވެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަސަރުކުޑަކުރުމަށް ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.
މި ބައްދަލުވުމުގައި ދިޔަމިގިލީ ކައުންސިލުން ވަނީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހަބަރު: ސަރުކާރު