އެއީ ވަރަށް ވަރުގަދަ ބޮޑުދައިތައެކެވެ.
ބަސްބުނާއިރު އަނެކާގެ ހިތަށް އަސަރުކުރާނެ ވަރާއިމެދު ވިސްނައިވެސް ނުލާނެއެވެ. ކިތަންމެ ބައެއްގެ ތެރޭގައިވެސް ކޮންމެ ފަދަ ވާހަކައެއްވެސް ދައްކައިފާނެއެވެ. ކޮންމެފަދަ ސުވާލެއްވެސް ކޮސްފާނެއެވެ. އެހެންވެ ގިނަކުދިން ތިބެނީ ވަރަށް ރުޅިގަދަވެފައެވެ؟
އެއްދުވަހަކު ގިނަ ބައެއްގެ ތެރޭގައި ކޮއްކޮއަކަށް ބުންޏެވެ. "މިދިއަ ހަފްތާގައި ރަޙީމާވެސް މީހަކާ އިނދެފިއެވެ. ކޮއްކޮ ކައިވެނިކުރާނީ ކޮން ދުވަހަކުން ހެއްޔެވެ؟" ޖަވާބުގައި ކޮއްކޮވެސް ކުރީ ސުވާލެކެވެ. "އެއިގެ ކުރީ ހަފްތާގައި ކުޑަދައްތަގެ ޖަނާޒާ ބާއްވައިފީމުއެވެ. ބޮޑުދައިތަގެ ޖަނާޒާ ބާއްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟"
ލޮބުވެތި އެކުވެރިންނޭވެ! މިހެން މިދިމާވީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެކޮއްކޮ ކައިވެނިނުކޮށް މަޑުކުރަނީ ކައިވެނިކުރަން ބޭނުން ނުވެގެނެއް ނޫނެވެ. އަދި ގުޅޭނެ މީހަކު ނުލިބިގެނެއްވެސް ނޫނެވެ. އޭނާ ގުޅެން ބޭނުންވާ މިޒާޖުގެ މީހަކާ އަދި ބައްދަލުނުވާތީއެވެ. މިކަންކަމަކަށް ބޮޑުދައިތަ ވިސްނައެއް ނުލައެވެ. ގިނަ ބައެއްގެ ތެރޭގައި އެބާވަތުގެ ސުވާލުކުރުމުން އަޑުއަހާ މީހުންނަށް ވިސްނޭނީ ކައިވެނިކުރާނެ މީހަކު ނުވެގެން ހުންނަ ކަމަށެވެ. އެހެންވެ ކޮއްކޮގެ ރުޅިގަދަވީއެވެ.
ކައިވެނިނުކޮށް ކޮންމެ މީހަކުވެސް ހުންނާނީ ސަބަބެއް އޮތުމުންނެވެ. އެކަމުގެ ވާހަކަ ދެއްކިޔަސް ދައްކަންވާނީ ވިސްނުންތެރިކަމާއިއެކުގައެވެ. އަނެކާ ދެރަވެ ލަދުނުގަންނާނެ ގޮތަށެވެ. އެކަނި ތިބެއެވެ. މީހުންނަށް އަޑުއިއްވައިގެނެއް ނޫނެވެ. އެހެން މީހުންނަށް އަޑުއިވޭގޮތަށް "އޭކަލޭ މީހަކާ އިންނަނީ ކޮންދުވަހަކުންތޯ؟" ސުވާލުކުރާގޮތަކަށް ނޫނެވެ. ކައިވެނިކުރަން ތައްޔާރުވެވެންދެން ކައިވެނިނުކޮށް މަޑުކުރުމުގެ ހުއްދަ ކަނބަލުންނަށް އެބައޮތެވެ. އެފަދަ ކަނަބަލު ގަދަކަމުން ކައިވެނިކުރުވުމެއްވެސް ނެތެވެ.
ދެރަކަމަކީ މިފަދަ ކަންކަމަށް ހޭލުންތެރިނުވެވޭކަމެވެ. ބަސްބުނެހަދަންވާނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ނޫންނަމަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން