ބ. ތުޅާދޫގައި ތަރައްޤީކުރާ ކަލްޗަރަލް ސެންޓަރުގެ ޢަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައް ޖެހުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ތުޅާދޫއަކީ ދިވެހިރާއްޖޭގެ ސަގާފީ މަސައްކަތްތެރިކަމުގެ ތެރެއިން ލިޔެލާޖެހުމުގެ މަސައްކަތަށް މަޝްހޫރު ރަށަކަށްވާއިރު، މި ކަލްޗަރަލް ސެންޓަރު ވެގެންދާނީ އެ ރަށުގެ ހުނަރުވެރިކަން ދައްކާލުމަށާއި ސަގާފީ ކަންކަން ދިރުވައި އާލާކުރުމަށް ލިބިގެންދާނެ މުހިންމު ބިނާއަކަށެވެ.