ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއިން ފަށައިފި

ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރަސްމީކޮށް ފަށައިފިއެވެ. މިއީ އެ ރަށުގެ ދަތުރުފަތުރާއި އުމްރާނީ ތަރައްޤީއަށް ކުރިއެރުން ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކޮށްފައި ވަނީ 07 އޮގަސްޓް 2025 ގައެވެ.

މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ ޖުމްލަ 10 މަގެއް ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޖުމްލަ 2.87 ކިލޯމީޓަރުގެ މަގު ހެދުން ހިމެނޭއިރު، މިއީ ރަށުގެ މައިގަނޑު ހުރިހާ ސަރަޙައްދަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ މަޝްރޫޢެކެވެ.

އާރްޑީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 69.229 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢު ނިމުމުން ގުރައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން