ގިނަ ބައެއްގެ ބޮލުތެރޭގައި އެންމެ ބާރަށް
އެނބުރެނީ ފައިސާގެ އޮއިވަރުކަމަށްވުމުން ދިރިއުޅުމުގެ ޙާލަތާއިމެދު ސުވާލުކޮށްފިނަމަ ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެދައްކަނީ މާލީ ޙާލަތުގެ ވާހަކަކަކަށެވެ. އެފަދަ މީހުންނަށް ވިސްނޭ ގޮތުގައި ދިރިއުޅުމުގައި އުފާވެރިކަން ލިބޭނެ ގޮތަކީ އަތްމަތި ތަނަވަސްވުމެވެ. އަތުގައި ފުނިފުންޏަށް ފައިށާހުރުމެވެ.
ނަމަވެސް އަހުރެންނަށް ވިސްނޭ ގޮތުގައި އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަމުގައި އަހުރެންގެ ވިސްނުން ހާމަކޮށްލާނަމެވެ.
ކެއްކި ތަކެތި މީރުކަމަށް ފިރިމީހާ ނުބުނީ ހެއްޔެވެ؟ ތައްރީފްގެ ބަހެއް ނުބުނީ ހެއްޔެވެ؟ ކޮށްދޭ އެއްވެސް ޚިދުމަތަކަށް ވެސް ޝުކުރުގެ ބަހެއް ވެސް ނުބުނަނީ ހެއްޔެވެ؟ އެއްގޮތަކަށްވެސް ކަންބޮޑު ނުވާށެވެ! ހަމަ އަޅައިވެސް ނުލާށެވެ!
ފިރިމީހާގެ ތައްރީފާއި ޝުކުރުގެ ބަސް ކިތަންމެހައިވެސް މުހިންމެވެ. އަދި އަނބިމީހާގެ ތައްރީފާއި ޝުކުރުގެ ބަސް ފިރިމީހާއަށްވެސް ހަމަ އެހައި މުހިންމެވެ. ދިރިއުޅުން ބާރަށް، އުފަލުގައި ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބާރަކީ އެކަކު އަނެކަކަށް ކުރާ ތައްރީފާއި ޝުކުރުގެ ބަސްތައް ކަމުގައިވާތީއެވެ.
އެކަކު އަނެކަށް ކަންކަން ކޮށްދޭންވީ ހަމަ އެކަނި ތައްރީފާއި ޝުކުރުގެ ބަހަށް އެދިގެނެއް ނޫނެވެ. އެއީ އެއަށްވުރެ މާ އަގުހުރި ކަމެކެވެ. އެހެނީ ދެމަފިރިން އެކަކު އަނެކަކަށް ވީހައިވެސް އިޚްލާޞްތެރިކަމާއިއެކު ކަންކަން ކޮށްދިނުމަކީ ވަރަށް މަތިވެރި އަޅުކަމަކަށްވާތީއެވެ. ވީމާ އެކަކު ތައްރީފް ނުކުރި ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ތަޢްރީފް ލިބުމުން ދެން އިތުރަށް އިންސާނެއްގެ ކިބައިން ބޭނުންވާނީ ކޮން ކަމެއް ހެއްޔެވެ؟
ނަމަވެސް ވިސްނައިލާށެވެ! ކުރިން ބުނިފަދައިން ދިރިއުޅުން ބާރަށް، އުފަލުގައި ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބާރަކީ އެކަކު އަނެކަކަށް ކުރާ ތައްރީފާއި ޝުކުރުގެ ބަސްތަކެވެ. ވީމާ އެއީ ހަޔާތުގެ ކަންކަން ކުރިއަށް ގެންދާ އިންޖީނަށް އަޅަންޖެހޭ ތެޔޮ ކަމުގައި ބުނެވިދާނެއެވެ. ތެޔޮ ހުސްވެއްޖެ ނަމަ އިންޖީނު ހުއްޓޭނެއެވެ.
އެއީ އަނބިމީހާ ކަމަށްވީތީ ނުވަތަ ފިރިމީހާކަމަށްވީތީ ވަކި ކަންތައްތަކެއް ކޮށްދިނުމަކީ މަޖުބޫރު ކަމެއް ކަމަށް ދުށުން މުޅިން ހުއްޓައިލާށެވެ! އެކަން އެގޮތަށް އޮތީ އިންސާނުން އަޅުވެތިކޮށްގެން ގެންގުޅުނު ދުވަސްތަކުގައެވެ. އިސްލާމް ދީން ބާވައިލެއްވެވުމަށްފަހު އަޅުވެތިކަން ވަނީ ނެތިގެން ގޮސްފައެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކަންކަމަށްވެސް ޝުކުރުވެރިވާށެވެ! ތައްރީފްކުރާށެވެ!
ޝުކުރުވެރިވުމާއި ތަޢްރީފް ކުރުމަކީ ދަނޑަށް ފެން ދިނުން ފަދަ ކަމެއްގެ ގޮތުގައި ދެކޭށެވެ! ފެންދިންވަރަކަށް ގަސްތަކަށް ދިރުން ލިބި، ދަނޑުން ލިބޭ ފައިދާ ބޮޑުވާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން