ދެ ކުންފުންޏަކުން މޫދުވިނަ އާލާކުރަން ފަށައިފި, މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ އެކްސްޕޯޓްކުރޭ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 37ސ
ދެ ކުންފުންޏަކުން މޫދުވިނަ އާލާކުރަން ފަށައިފި, މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ
އެކްސްޕޯޓްކުރޭ

ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް، މަސްވެރިކަމުގެ އިތުރު ގޮފިތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މެރިކަލްޗަރ ސިނާއަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަައި، ދެ ކުންފުންޏަކުން ރާއްޖެއިން މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ ނުވަތަ ސީވީޑް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރަމުންދާކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މި ސިނާޢަތުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކުރަމުންދަނީ ބ. ފެހެންދޫގައެވެ. "ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން މިދިޔަ އަހަރު ފެށި މި މަޝްރޫޢަކީ ވަރަށް ކާމިޔާބު ތަޖުރިބާއެކެވެ. އެންމެ 100 ކިލޯގެ މޫދުވިނައިން ފެށި މި މަސައްކަތް ފުޅާވެ، މިއަހަރުގެ ތެރޭގައި ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓްކޮށް، މިހާރު މަހަކު 5 ކޮންޓެއިނަރުގެ ހިއްކި މޫދުވިނަ ރާއްޖެއިން ބޭރުކުރެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ކާމިޔާބީއާއެކު އިތުރު އިންވެސްޓަރުންވެސް މި ދާއިރާއަށް އަންނަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން "އެސްޓީއެމް" ނަމަކަށް ކިޔާ ކުންފުންޏަކުން މިހާރު ވަނީ ގއ. ކޮނޑޭ އަދި ކޮލަމާފުށީގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިމަގުގައި މިއީ ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ، ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް ޤައުމަށް ހޯދައިދޭނެ ދާއިރާއަކަށް ހެދުމެވެ.

މެރިކަލްޗަރ ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއް މިކަމަށް ހާއްސަކުރައްވާފައެވެ. އެއީ:

 

ބޮޑު ތިލަދުންމަތި

ރ. އަތޮޅު

މ. އަތޮޅު

ތ. އަތޮޅު

މަނިޔަފުއްޓާ 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅުއެވެ. 

މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާގެ ޓެކްނިކަލް އެހީގައި މޫދުވިނައިން އައު އުފެއްދުންތައް ތައްޔާރުކުރުމުގެ މަޝްރޫޢަކަށް މިހާރު ވަނީ ފެހި ސިގްނަލް ލިބިފައެވެ. އަދި ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށްވެސް މަޝްވަރާ ކުރެވެމުންދާކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން 'މެރިކަލްޗަރ ސްކީމް' ގެ ނަމުގައި މާލީ އެހީ ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ ބޭނުމަކީ މޫދުކޮށި ގަތުމަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމެވެ.

މި މަޝްރޫޢުގެ ސަބަބުން މެރިކަލްޗާ ދާއިރާގައި އިތުރު މަޝްރޫއު ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ތިބެގެން ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުސަތުތައް ހުޅުވި، ގައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުވެ، ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ބުނެފައެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގައި ތިބެގެން ޒުވާނުންނާއި ކަނބަލުންނަށް ވަޒީފާގެ އައު ފުރސަަތުތައް ހުޅުވި، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވެގެންދާނެއެވެ. މިއީ ރާއްޖޭގެ ކަނޑުތަކުގެ ނަފާ ފުރިހަމަ ގޮތުގައި ހޯދުމަށް ހުޅުވިގެންދާ މުހިންމު ދޮރެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން