ގްރީން ކްލައިމެޓް ފަންޑުގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ގްރީން ކްލައިމެޓް ފަންޑުގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ

ތަޖިކިސްތާނުގެ ދުޝަންބޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 29 އިން ޖުލައި 2 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަމްސީލުކުރައްވާނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.

ޖީ.ސީ.އެފް އަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އެކަންކަމަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ފަންޑެވެ. ރާއްޖެއަކީ މިހާރު ޖީ.ސީ.އެފް ބޯޑުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ޚާއްޞަކޮށްފައިވާ ގޮނޑީގެ އޮލްޓަނޭޓް ބޯޑު މެންބަރެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މޫސުމީ ހަރަކާތްތަކަށް އެހީތެރިވުމަށް ޖީ.ސީ.އެފް އިން ކުރަމުންދާ މަސައްކަތްތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމާއި އެ ޤައުމުތަކުގެ ބޭނުންތައް ވަކާލާތުކުރުމެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ފަންޑުގެ އިސްތިރާތީޖީ ކަންކަމާއި، އޮޕަރޭޝަނަލް ސިޔާސަތުތަކާއި، އިންވެސްޓްމަންޓް ޕޯޓްފޯލިއޯއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރާނެއެވެ.

ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ޤައުމުތަކުގެ ޙައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަހަމަކަމާއެކު ހޯދުމަށް ކުރާ މަސައްކަތްތަކުގެ ހެއްކެކެވެ. މީގެ އިތުރުން، ޖީ.ސީ.އެފްގެ މަސައްކަތްތައް ބައްޓަންކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކުރުން ކަށަވަރުކުރުމަކީވެސް ރާއްޖޭގެ މުހިންމު އަމާޒެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން