އެންމެ ގިނަ ޢަދަދެއްގެ އަނހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ބަލިކަށިކަން ކުރިމަތިވާ އެންމެ ބޮޑު އެއްކަމަކީ ދިރިއުޅުމާއިމެދު ޙަޤީޤަތް ޤަބޫލުނުކުރެވުމެވެ. ކައިވެނިން ނުވަތަ ލޯބީގެ ޙަޔާތުން ތިމާ ބޭނުންވާ އުފާވެރިކަން ދެން ނުލިބޭނެކަން ޔަޤީންކުރެވޭއިރުވެސް ލޯބީގެ ދަލުގައި ޖެހެވިގެން ތިބެވޭ ކަމެވެ.
މިބުނި ފަދައިން ކައިވެނިން ނުވަތަ ލޯބީގެ ޙަޔާތުން ތިމާ ބޭނުންވާ އުފާވެރިކަން ދެން ނުލިބޭނެކަން ޔަޤީންކުރެވޭއިރުވެސް، އޭނާއާއިއެކު އުޅެގެން ދިރިއުޅުމަށް ކުރިއެރުމެއް ނުލިބޭނެކަން ޔަޤީންކުރެވޭއިރުވެސް އޭނާދެކެ ލޯބިވެވެނީ އަމިއްލަ ބާރަކު ނޫނެވެ. ޝައިޠޯނާގެ ބާރުގައެވެ. ޝައިޠޯނާގެ ބޭނުމަކަށްވަނީ އެމީހަކަށް އަނިޔާ ލިބެމުން ގޮސް ދިރިއުޅުން މަތިން ފޫހިކޮށްލުމެވެ. އަމިއްލަ ނަފްސް ދެކެ ލޯބިވުން ހުއްޓުވުމެވެ. އަމިއްލަ ހަށިގަނޑަށް ބެލުމެއް ނެތި ފާފަތައް ކުރަމުން ދުވާ މީހަކަށް ބަދަލުކޮށްލުމެވެ.
ކައިވެންޏަށްފަހު އެކުގައި ދިިރިއުޅެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. ނަމަވެސް ބައިވެރިޔާގެ ކިބައިން ތިމާއަށް އުފާވެރިކަން ނުލިބޭނެކަން ޔަޤީންކުރެވިއްޖެނަމަ ދެން އޮތީ އަވަހަށް މިސްރާބު ބަދަލުކުރުމެވެ. ނޫންނަމަ އަބަދު އެކަންކަމަށް ވިސްނަމުން ގޮސް ކުރިން މިބުނި ޙާލަތަށް ދާންޖެހުން އޮންނަނީ ޢާންމު ކަމަކަށްވެފައެވެ.
ތިމާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ހިތާއި ކިޑްނީ އާއި އަދި ފުއްޕާމޭ ފަދަ އެންމެ މުހިންމު ގުނަވަންތައް ބަދަލުކުރަން ޖެހުމުން އެކަންކަންވެސް ކުރާފަދައިން ދިރިއުޅުމަށް ބަދަލުގެންނަން މަޖުބޫރު ޙާލަތަށް ހިނގައްޖެނަމަ ލޯބީގެ އަޅަކަށްނުވާށެވެ! ސަބަބަކީ އެކަކު ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އަނެކަކު ލޯބިދޭން ނެތްނަމަ ކުރާނެ ފައިދާއެއް ނެތުމެވެ.
އެހެންވެ ބައެއް ޢިލްމުވެރިން ލޯބި ސިފަކުރައްވަނީ ގަހެއްގެ ގޮތުގައެވެ. ގަސް ބޮޑުވާފަހުން އެހެންތަނަކަށް ބަދަލުކުރަންޖެހިއްޖެނަމަ ފަސްގަނޑުކޮނެ ކްރޭން ޖަހައިގެންވެސް އެހެން ތަނަކަށް ބަދަލުކޮށް އަލުން އިންދައި އެތަނުގައި ހައްދަން މަސައްކަތްކުރުމުން ގަސް ހެދެންވެސް ހެދޭތީއެވެ. އަދި އެކަމަކީ ކުރަންޖެހިއްޖެ ނަމަ ކުރންޖެހޭނެ ކަމަކަށްވާތީއެވެ.
އަބަދުވެސް ނަޞޭޙަތްދޭ ފަދައިން ކައިވެނިކުރެވިއްޖެނަމަ އެކައިވެނިމަތީގައި ދިރިއުޅެން ކުރެވެންހުރި މަސައްކަތްތަކެއްވެސް ކުރަންވާނެއެވެ. އަދި ދަރިން ލިބިފައިވާނަމަ އެކަމަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އެކަމުން ތިމާގެ އަމިއްލަ ނަފްސަށް އަނިޔާލިބި، އަބަދު ހިތްދަތިކަމުގައި އުޅެންޖެހޭ ޙާލަތަކަށް ކަންކަން ހިނގައްޖެނަމަ ދެވަނަ ގޮތެއް ހޯދަން މަސައްކަތްކުރަންވާނެއެވެ.
އަބަދުވެސް ބުނާފަދައިން އެމަސައްކަތްކުރަންވާނީ ﷲ ތަޢާލާގެ އިންތަކުގައި ހިފަހައްޓައިގެން ހުރެއެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ މަގުންނެވެ. ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމަކަށް އަރައި ނުގަނެ ހުރެގެންނެވެ. ދެން ކުރާ ކައިވެނިންވެސް އުފާވެރިކަން ލިބުން އޮތީ އެމީހަކަށް ﷲ ތަޢާލާ އުފާވެރިކަން މިންވަރުކުރެއްވެވުމުންކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. ޝައިޠޯނާގެ މަގުން ދެވިއްޖެނަމަ އަބަދުވެސް އުޅެންޖެހުން ގާތީ ހިތްހަމަނުޖެހުމުގެ ތެރޭގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން