ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން އެސްކެޕް) ގެ ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ނުވަވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ކަންޓްރީ ސްޓޭޓްމަންޓް އިއްވައިފިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ބަޔާން އިއްވައިދެއްވީ މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު ވަޙީދެވެ. އޭނާގެ ބަޔާނުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ތިމާވެށީގެ ހަޤީޤީ ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި ކަނޑުގެ ލެވެލް އުފުލުމާއި، ރަށްގިރުމާއި، ފެނުގެ ދަތިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ފާހަގަކުރެއްވިއެވެ.
އަޙްމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، "މަލްޓިޑައިމެންޝަނަލް ސްޓްރަކްޗަރަލް ވަލްނަރަބިލިޓީ އިންޑެކްސް" ގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އަވަހަށް އިންޒާރުދޭ ނިޒާމުތައް (Early Warning Systems) އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ފެތުރޭ ވައިގެ ތަޣައްޔަރުވުމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި، "މާލޭ ޑިކްލަރޭޝަން އޮން އެއަރ ކޮލިޓީ" އަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ތަކުރާރު ކުރެއްވިއެވެ. އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ "އެންޑީސީ 3.0" ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ބަޔާންކުރެއްވިއެވެ.
ރާއްޖޭގެ ބަޔާން ނިންމަވާލައްވަމުން ވަޙީދު ވިދާޅުވީ، ދުނިޔޭގެ ސިޔާސީ މަޝްރަޙުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އިޤްތިޞާދީ ބުރަތައް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކުރުމާއި، ސަރަޙައްދީ އެއްބައިވަންތަކަން އިތުރުކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ރާއްޖެއިން ބަޔާންކުރިއެވެ.
ހަބަރު: ސަރުކާރު