އީ-ކޮމާސް މަންސަތަކުގައި ކޮންމެ ދުވަހަކު ބޭންކުން ކަނޑައަޅާ ބޭރުފައިސާގެ އަދަދު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
އީ-ކޮމާސް މަންސަތަކުގައި ކޮންމެ ދުވަހަކު ބޭންކުން ކަނޑައަޅާ ބޭރުފައިސާގެ އަދަދު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އީ-ކޮމާސް މަންސަތަކުގައި ވިޔަފާރިކޮށް މުއާމަލާތްކުރުމަށް ކޮންމެ ދުވަހަކު ބޭންކުން ކަނޑައަޅާ ބޭރުފައިސާގެ އަދަދު އިތުރުކޮށްފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ދައުލަތުގެ މީޑިޔާ މައުލޫމާތުދެއްވަމުން ވިދާޅުވީ، ފާއިތުވި އަންގާރަދުވަހު ބީއެމްއެލްއަށް ޑޮލަރުން އިންވެސްޓުކުރަން ހުޅުވައިލި ފުރުސަތާއެކު، ބީއެމްއެލްއިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން އީކޮމާސް މަންސަތަކުގައި ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކު ކަނޑައަޅާ ލިމިޓު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ޑޮލަރު ދޫކުރަންޖެހުމާއެކު، ބޭންކުން ވަނީ ކޮންމެ ދުވަހަކު ޑޮލަރުން މުއާމަލާތްކުރެވޭނެ ވަކި މިންވަރެއް ކަނޑައަޅާފައެވެ. މިގޮތުން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ކުރެވޭނީ 30 މުއާމަލާތްކަމަށް ބޭންކުން ކުރިން ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، އައު އިންވެސްޓްމަންޓް ފުރުސަތާއެކު މިކަމަށް ވަނީ ލުޔެއް ލިބިފައެވެ.

ބޭންކުން އަލަށް ހުޅުވައިލި ފުރުސަތުގައި އިންޓަނެޓު ބޭންކިންއާއި މޯބައިލް އެޕު ބޭނުންކޮށްގެން ޑޮލަރު އިންވެސްޓުކުރެވޭނެއެވެ. އިންވެސްޓުކުރާ ފަރާތްތަކަށް ޕޫލުގެ ފައިދާގެ ގޮތުގައި 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. ސައީދު ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވައިލި ފުރަތަމަ 24 ގަޑިއިރު ތެރޭގައި އީ-ކޮމާސް ވެބްސައިޓުތަކުން މުއާމަލާތްކުރެވޭ މިންވަރު ވަނީ އިތުރުވެފައެވެ.

"މިއަދު އަޅުގަނޑުމެނަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ، އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި. އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއް،" ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކަށް ޖުލައި މަހުގެ ތެރޭގައި ލުއިތަކެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ކުރިން ވިދާޅުވެފައެވެ. ބޭންކުން ބުނެފައިވަނީ ޑޮލަރު ލިބޭ މިންވަރު އިތުރުވާ ނިސްބަތުން ޚިދުމަތްތައް އިތުރަށް ފުޅާކުރަމުންދާނެ ކަމަށެވެ.

މިއަދު އޮންލައިން