ޖާސޫސުން މެދުވެރިކޮށް ދުޝްމަނުންގެ ޚަބަރުތައް ހޯދައިބަލާށެވެ. އޭރުން އެބައިމީހުންގެ ކެހިވެރިކަމުން ސަލާމަތްވާނެއެވެ. ދޮގުވެރިން ގެނެސްދޭ ޚަބަރުތަކުން ދުރުވެގަންނާށެވެ. އެބައިމީހުންގެ ފަރާތުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. މަކަރުވެރި ކެހިވެރިންގެ ފަރާތުން ދުރުހެލިވާށެވެ. މަކަރުވެރިންނަކީ ބޭވަފާތެރިންނެވެ. އެބައިމީހުން ތިޔަބައިމީހުންނަށް ޖާސޫސުކޮށްދިނުމުގެ ބަދަލުގައި، ޖާސޫސުކޮށްދޭނީ ތިޔަބައިމީހުންނާ ދެކޮޅަށެވެ. އަބަދުވެސް ދުޝްމަނުންގެ ޚަބަރުތައް ރަނގަޅަށް ބަލާށެވެ.
ލަޝްކަރުގެ އެންމެ ކުރީގައި ހަނގުރާމަކުރާ މުޖާހިދުންނަށް އެންމެ ރަނގަޅު، މޮޅެތި އަސްތައް ދޭށެވެ. ލަޝްކަރުގެ ތެރޭގައި އުފައްދާ ކުދިކުދި ޖަމާޢަތްތަކުގެ ވެރިންނަށް، ކެތްތެރި، ބުރަ އުފުއްލެވުމުގެ ޤާބިލުކަން ހުރި ފަރާތްތައް ލާށެވެ. އެބައިމީހުންނަކީ ހަނގުރާމައިގެ އުކުޅުތައް ދަންނަ ބަޔަކަށް ވާންޖެހޭނެއެވެ. ދުޝްމަނުންގެ އެންމެހައި ޙަރަކާތްތަކެއް ރަނގަޅަށް ބަލާށެވެ. ރަނގަޅަށް ލަޝްކަރު ރައްކާތެރިކުރާށެވެ. ރޭގަނޑުގެ ވަގުތުގައި އަތުވެދާނެ ޙަމަލާއަކަށް ހޭވަރިވެތިބޭށެވެ.]
އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހު ސަޢުދުގެފާނަށް ފޮނުއްވި ސިޓީފުޅުގައި ލިޔުއްވައިފައިވަނީ ލަޝްކަރާއެކު ޢިރާޤުގެ ބޯޑަރު ސަރަހައްދަށް ވަޑައިގަންނެވުމަށެވެ. ހަނގުރާމައިގެ ކަންތައްތައް ރަނގަޅަށް ދެނެވަޑައިގަންނަވާ މުދައްބިރެއްގެ ހައިސިއްޔަތުން ޢުމަރުގެފާނު އަންގަވައިފައިވަނީ ޤާދިސިއްޔާގެ ކައިރިއަށް ގޮސް މީހުން އުޅޭ ސަރަހައްދާއި ސަހަރާއާ ދެމެދުގައި ލަޝްކަރު މަޑުކުރުމަށެވެ. އެގޮތަށް މަޑުކޮށްގެން ތިބެއްޖެނަމަ ދުޝްމަނުންނަށް ދަތިބޮޑުވެގެން ހަމަލާދީފާނެކަމަށްވެސް އެންގެވިއެވެ. ނަމަވެސް ސަޢުދުގެފާނު ސާބިތުކަމާއެކުގައި ހުންނަވައިފިނަމަ އެބައިމީހުންގެ ހަމަލާތައް ދާދި ފަސޭހައިން ނާކާމިޔާބުކޮށްލެވޭނެކަމުގައިވެސް ވިދާޅުވިއެވެ. އަދި ދުޝްމަނުންގެ މައްޗަށް ނަސްރު ލިބިއްޖެނަމަ އެބައިމީހުންނަށް އަލުން ހަނގުރާމަކުރަން ނުކެރޭނެކަމުގައިވެސް ޢުމަރުގެފާނު އަންގަވައިފައިވެއެވެ.
ޢުމަރުގެފާނު މިދެންނެވި ފަދައިން އިރުޝާދު ދެއްވިއިރު ހީވަނީ އެކަލޭގެފާނު ހަނގުރާމައިގެ މައިދާން ދެކެވަޑައިގެންފައި ދެއްވި އިރުޝާދުފުޅުތަކެއްހެންނެވެ. މިއީ އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުކަމުގެ ދަލީލެކެވެ. ޢުމަރުގެފާނު ސަޢުދުގެފާނަށް އަންގަވައިފައިވަނީ ގިނަގިނައިން لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ މިފަދައިން ކިޔުމަށެވެ. ޢުމަރުގެފާނު ފޮނުއްވި ސިޓީފުޅުގެ ޖަވާބުގައި ސަޢުދުގެފާނުވެސް ސިޓީފުޅެއް ލިޔުއްވިއެވެ. ހަނގުރާމައިގެ މައިދާނުގެ ކަންތައްތައް ރަނގަޅަށް ބަޔާންކުރައްވައިފައެވެ. އެ ސިޓީފުޅުގައިވަނީ މުސްލިމުންނާއެކު ޞުލްޙައިގެ އެއްބަސްވުން ވެފައިވާ ބައެއް ޤަބީލާތައް އެއްބަސްވުން އުވައިލި ވާހަކައެވެ. އެބައިމީހުން ބަޣާވާތްކޮށް އީރާނުގެ ލަޝްކަރާ ގުޅުނު ޚަބަރެވެ. ޔަޒުދުގިރުދުގެ އީރާނުގެ ލަޝްކަރުގެ ކޮމާންޑަރަކަށް ރުސްތުމް އޭ ކިޔުނު މީހަކު އައްޔަންކުރި ވާހަކައެވެ.
މި ސިޓީފުޅުގެ ޖަވާބެއްގެ ގޮތުން ޢުމަރުގެފާނު ސަޢުދުގެފާނަށް ލިޔުއްވިއެވެ. އީރާނުގެ ރަސްގެފާނުގެ އަރިހަށް ވަފުދެއް ފޮނުވާށެވެ. ވަފުދު ފޮނުވައިގެން އޭނާއަށް އިސްލާމްދީނުގެ ދައުވަތު ދެއްވާށެވެ. ޢުމަރުގެފާނު އަންގަވައިފައިވަނީ އެ ވަފުދުގައި ވަރުގަދަ، ޙިކުމަތްތެރި ބޭފުޅުން ހިމެނުއްވުމަށެވެ. ދުޝްމަނުންގެ ބަލިކަށިކަމާއި މުސްލިމުންގެ ބާރު ހުރިކަން އެންގުމަށްޓަކައެވެ.
މުސްލިމުންގެ ސަފީރުން ރުސްތުމްގެ ގާތަށް
ސަޢުދުގެފާނު ލަޝްކަރުގެ ތެރެއިން ސާދަ ބޭކަލަކު ހޮއްވެވިއެވެ. އެ ސާދަ ބޭކަލުންނަކީ ވިސްނުންފުޅުތޫނު، ޙިކުމަތްތެރި، ޖާނުންވަރުގަދަ ބޭކަލުންނެވެ. ހައިބަތުހުރި ލަޝްކަރުގެ ކޮމާންޑަރުންނެވެ. އެ ބޭކަލުން އީރާނުގެ މީސްތަކުންގެ ގޮތްބާވަތް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންނަކީ ފާރިސީ ބަސް ދެނެވަޑައިގަންނަވާ ބޭކަލުންނެވެ. ނަމަވެސް ޔަޒުދުގިރުދާ ދެކެވުނު ވާހަކަތައް ދެކެވުނީ ތަރުޖަމާނުން މެދުވެރިކޮށެވެ. އެ ބޭކަލުން ޔަޒުދުގިރުދުގެ ދަރުބާރަށް ވަޑައިގަތުމުން އޭނާ އެ ބޭކަލުންނަށް ބުންޏެވެ. [ކަލޭމެން މިތަނަށް ތިޔައައީ ކީއްކުރަން ހެއްޔެވެ؟ އަހަރެމެންގެ ދާޚިލީ ދެބަސްވުމުގެ ފައިދާ ނަގަން ހެއްޔެވެ؟]
- ނުނިމޭ -