ދައްޖާލު ފައުޅުނުވެ ލަސްވަނީ އެއެތި ނުވާތީކަމަށް
ވިސްނާ ބައަކު އުޅެއެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދައްޖާލު މިހާރުވެސް އެއެތި ވީތަނެއްގައިވާކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ތިރީގައިވާ ލިޔުމުން އިތުރު މައުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
އާދެ! އޭނަ (މަޞީޙުއްދައްޖާލް) ފާޅުވެގެން އަންނަކަމުގަ ވަރަށް ގިނަ ރިވާޔަތްތައް އައިސްފައިވޭ. އޭގެ ތެރޭގަ ހަމަ އަޅުގަނޑު މިތާ ފާހަގަކޮށްލަން ދެކަމެއް (އިނގޭ).
އެއްބައި ރިވާޔަތްތަކުގަ އައިސްފައިވޭ އޭނައަކީ މިހާރުވެސް ޚަލްޤު ކުރެވިގެންވާ މަޚުލޫޤެކޭ. މިހާރުވެސް ދުނިޔޭގަ އެބަހުއްޓޭ. އަޅުގަނޑުމެންގެ ލޯމަތިން ނުފެންނަނީ. އެއީ، އޭގެ ދަލީލެއްގެ ގޮތުގަ އަންނަނީ ތަމީމުއްދާރީ ރަޟިޔައްﷲތަޢާލާ ޢަންހުގެ ޙަދީޘް ބަސްފުޅެއް، މުސްލިމްގެ ރިވާޔަތެއް އިނގޭތޯ. ވަރަށް ދިގު ޙަދީޘްއެއް. ކޮންމެއަކަސް އެކަލޭގެފާނު، (އަނެއް) އެއްފަހަރު ނައުކޮޅުގަ އެކަލޭގެފާނުގެ ޤަބީލާގެ މީހުން، ޢާއްމުކޮށް ޤުރެއިޝް ވަންހައިގެ މީހުންނަކީ ކަނޑަށް ވަރަށް ބިރުގަންނަ ބައެއް. އެހެންވީމަ ޤުރުއާނުގަ އައިއްސަ އިންނާނެ وَإِذَا رَكِبَ فِي الْفُلْك އެމީހުން އެއްކަލަ ކަނޑަށް އެމީހުން އަރައިފިނަމަ އެމީހުން ބިރުންގޮއްސަ ހަލާކުވެ އެމީހުން ދުޢާކުރާނެ. އެހެންވީމަ ވަރަށް ބިރުގަންނާނެ ކަނޑު ދަތުރު ކުރަން.
އެހެންވީމަ އެމީހުން މުޅިންވެސް އުޅޭނީ ސަހަރާގަ. އެކަމަކު މި ޤަބީލާގެ މީހުންނަކީ ކަނޑުދަތުރުކޮށް އުޅުނު ބަޔެއް، ތަމީމުއްދާރީ ޤަބީލާ. މި ޙާދިޘާއަކީ ޙަޤީޤަތުގައި އެކލޭގެފާނު އިސްލާމް ވުމުގެ ކުރީގައި އެކަލޭގެފާނަށް ފެނުނު ކަމެއްގެ ވާހަކަ އެކަލޭގެފާނު ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ޚަބަރު ދެއްވަނީ، އެއީ އެކަލޭގެފާނަކީ ކުރީގަ އަހުލު ކިތާބީންގެ ބޭފުޅެއް. އަހުލު ކިތާބީންގެ ގިނަ ބޭފުޅުންނަކީ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ (ގައި) އިސްލާމްދީން ޤަބޫލުކުރި މަދު ބޭކަލުންގެ ތެރެއިން ބައެއް. އަހުލުކިތާބީންގެ ބޭފުޅުން ވަރަށް މަދުވާނެ އިސްލާމްދީން ޤަބޫލުކުރި. އޭގެން އެއްބޭފުޅެއް ތަމީމުއްދާރީ އަކީ.
އެކަލޭގެފާނާ އެކަލޭގެފާނުގެ ޤަބީލާގެ މީހުން މިބުނާހެން ކަނޑުދަތުރުކޮށް ގޮއްސަ ވަރަށްބޮޑަށް މޫސުން ގޯސްވެ ކަނޑުމަތި އަޅައިގެން މިކަހަލަ ކަމެއްގެ ތެރޭގައި ގެއްލިގެން ގާތްގަނޑަކަށް 30 ވަރަކަށް ދުވަސް ވަންދެން ކަނޑުމަތީގައި އުޅުމަށްފަހު ވަރަށް ކުޑަކުޑަ ޖަޒީރާއެއް ފެންނަނީ. އެހިނދު އެޖަޒީރާއަށް ގޮސް އެކަލޭގެފާނު ފައިބަނީ ކުޑަކުޑަ ދޯންޏެއްގަ. ދެން ބޮޑު ނަވެއްގަ، ކޮންމެ ނަވެއްގަވެސް ގެންގުޅޭނެތާ ކުޑަކުޑަ ދޯނި މިހާރުވެސް. އޭގެ ކުޑަކުޑަ ދޯންޏަކަށް ހަމަ އަރައިގެން އެކަލޭގެފާނު ގޮސް ފައިބައި ވަޑައިން. ފައިބައި ވަޑައިގެން ފެންނަނީ އެތަނުން ދާއްބައެއް. ދާއްބައެކޭ މިބުނީ މުޅި ގައިގަ އިސްތަށިފަޅާފަ މީހެއް އޭނަގެ ބޮލެއް ކުރިމައްޗެއް ފަހަތެއް ވަކިނުވާވަރަށް.
އޭތި ވާހަކަ ދައްކަނީ، ވާހަކަ ދެއްކީމަ މިމީހުން ބިރުން، ހުރިހާމީހުން ބިރުންގޮސް ހައިރާންވަނީ. އެއްބަޔަކު ބުނަނީ އެއީ ޝައިޠޯނޭ. ޝައިޠޯނޭ އެހެން ހުންނާނީ. ދެން އެކަމަކު ބިރުން އެކަކަށްވެސް ނުކެރޭ އެއްޗެކޭ ބުނާކަށް. ކޮންމެއަކަށް އޭނަ މިމީހުންނާ މުޚާޠަބުކޮށްފައި މިބުނާއެއްޗަކީ ކަލޭމެން އަންނާނޭ ވާހަކަ ތިމަންނާގެ ޞާޙިބު މީހާ ބުންޏޭ، ކަލޭމެން ބަލައޭ ތިމަންނާ މިއައީ. ކޮންމެއަކަސް މިދާއްބައާ އެކީގައި ތަބާވެގެން ދިޔައީ ތަމީމުއްދާރީ ރަޞިޔައްﷲ ތަޢާލާޢަންހުވެސް، ގޮއްސާ(މީ) ހޮހޮޅައެއް ތެރެއަށް ވަންނައިރު މިފެންނަނީ ބައިމަތި ފުޅާ، ބައިމަތި ވަރަށް ފުޅާ ބޮޑުމީހެކޭ. ތަމީމުއްދާރީ ރަޞިޔައްﷲ ތަޢާލާޢަންހު ވިދާޅުވަނީ ތިމަންނާގެ ޙަޔާތުގައިވެސް ތިމަންނާ ނުދެކެމޭ މިހާ ބޮޑު މީހެއް. އެކަމަކު ޙަޤީޤަތުގަ ދައްޖާލަކީ ކުޑަމީހެއް. އެކަމަކު އޭނަގެ ބިޔަކަން، ބޮޑުމީހެކޭ. (ވާހަކައަކީ) ކުރު ފުޅާ މީހެކޭ، ތަފާތު ކުރު ފުޅާ މީހެއް،
ނަބިއްޔާ ސައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ބަސްފުޅެއްގައިވެސް އާދޭ ހަމަ އެގޮތަށް، އެކަލޭގެފާނަށް ފެނުންކަމަށް މީ، ކައުބަތުއްﷲ ގެފުޅު ކައިރީގަ އެކަލޭގެފާނު ހުންނެވިއިރު، ވާތްފަރާތަށް (ދިގު ޙަދީޘްއެއް އިނގޭ މީވެސް) ވާތްފަރާތަށް ބައްލަވާލިއިރު ހަމަ މިކަހަލަ މީހެއް، ބައިމަތި ފުޅާ ދެން ހަމަ ދެންމެ އަޅުގަނޑު ބުނި ސިފަތައް، އެ ސިފަތައް އަންނަ އެއް ޙަދީޘް އެއީ. ކޮންމެއަކަސް އޭނަ ވަރަށްބައިވަރު ސުވާލު ކުރޭ ތަމީމުއްދާރީ އަށް. ތަމީމުއްދާރީ ހުރިހާ ސުވާލަކަށްވެސް ޖަވާބުދޭ. އެއަށްފަހުގައި މީނަ ޚުދު ބުނާނެ ތިމަންނާއަކީ މަސީހުއް ދައްޖާލޭވެސް. މީނަ ޚުދު ބުނާނެ. ތަމީމުއްދާރީ އިސްލާމް ވުމަށް ފަހުގައި ނަބިއްޔާ ސައްލަﷲ ޢަލައިހިވަސައްލަމަ އަރިހަށް ދުރުވެ މިވާހަކަތަކުގެ ޚަބަރު ދެއްވަނީ. ދެއްވީމަ ނަބިއްޔާ ސައްލަﷲ ޢަލައިހިވަސައްލަމަ މިޚަބަރު އުއްމަތަށް ބަޔާންކޮށްދެއްވަނީ އެހެންވީމަ މީ އެއްރިވާޔަތް.
މަސީޙުއް ދައްޖާލު މިހާރުވެސް ދުނިޔޭގައި ޚަލްޤު ކުރައްވާފައިވާކަން، އަޅުގަނޑުމެންގެ ލޯމައްޗަށް ނުފެންނަކަން. އަނެއްބައި ޢިލްމުވެރިން އަނެއްކާ ހަމަ، (ސ. ޝެއިޚު ކުޑަ ތަންކޮޅެއް، ޙަދީޘްގައި އޮވޭތޯ އޭނަ ބަނދެފަ އޮންނަ ވާހަކަ، އޮގޮތަށް އަޅުގަނޑު އަޑުއަހަނީ) ރަނގަޅު، ވަރަށް ރަނގަޅު ވާހަކައެއް. އެ ޙަދީޘްގައި އައިސްފައިވަނީ އޭނަގެ ގައިގަ ޗޭނު ޖަހާފަ ބަނދެފަ އޮންނަ ވާހަކަ، ޗޭނު ޖަހާފަ ބަނދެފަ އޮންނަކަން. ދެން އެޗޭނުތައް މޮހެލެވޭ ދުވަސް އައީމާ، އޭތި މޮހެލާފަ އޭނަ ނުކުންނާނެކަމަށް އޭނަ ޚުދު ބުނޭ. އަދި އެ ޙަދީޘްގައި އައިސްފައިވޭ، ތިމަންނާ އަރާނަމޭ، ދުނިޔޭގެ ހުރިހާ ބިމަކަށް. އޭގެ ތެރޭގަ، 40 ދުވަސް ތެރޭގަ ދުނިޔޭގެ ހުރިހާ ބިމަކަށް ތިމަންނަ އަރާނަމޭ، ހަމައެކަނި މައްކާ މަދީނާ ފިޔަވާ. އެތަނަށް ތިމަންނާއަށް ނޭރެނީ އެތާނގައި މަލާއިކަތުން ހުރެއޭ ބަލަހައްޓަންވެގެން ﷲ ސުބުޙާނަހޫވަތަޢާލާ ލައްވާފަ. އެހެންވީމަ އެތަނަކަށް ތިމަންނާއަކަށް ނޭރެއޭ.
އަދި ހަމަ އެ ޙަދީޘްގަ، އެ ރިވާޔަތުގައި ހަމަ އިނގޭތޯ ވަރަށް އަޖައިބުކުރަވަނިވި ވާހަކަ ޢާއްމުކޮށް ހަމަ އިބިލީސްވެސް ހެޔޮއެއްޗެކޭ ބުނެފިއްޔާ ހަމަ ހެޔޮވާނެ ދެއްތޯ. ހަމަ އެގޮތަށް މީ، އޭނަ ހަމަ ބުނެފަ އިނދޭ ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ފާޅުކުރައްވާ އެހިނދު ތަމީމުއްދާރީ ވިދާޅުވަނީ އާނއެކޭ. މައްކާއިން ނަބީކަމަށް ދަޢުވާ ކުރާ ބޭކަލަކު ނުކުންނަވައިފިޔޭ. އެހިދު ޚުދު މަސީޙުއް ދައްޖާލު ތަމީމުއްދާރީއަށް ނަޞޭޙަތް ދެނީ އެކަލޭގެފާނަށް ތަބާވާށޭ. ތަބާވާށޭ. މިހެންވީމަ މިގޮތަށް ހަމަ އެބަހުރި މިކަހަލަ ކަންތައްތައް ރިވާޔަތްތަކުގެ ތެރޭގަ އައިއްސަ. މީހަމަ ވަރަށް ދިގު ރިވާޔަތެއްވީމަ އެހުރިހާ ވާހަކައެއް ގެނައުން ތަންކޮޅެއް އުނދަގޫ ވާނެ.
-- އައްޝައިޚް އަބްދުﷲ ސަޢުދާން.