ސުންނަތް އަޅުކަންކުރަން މަސައްކަތްކުރުމަށްވުރެ މުހިންމީ ފާފަނުކުރަން މަސައްކަތްކުރުން! ކުރާ ހެޔޮކަމުގެ ފައިދާކުރާނީ ފާފަނުކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ސުންނަތް އަޅުކަންކުރަން މަސައްކަތްކުރުމަށްވުރެ
މުހިންމީ ފާފަނުކުރަން މަސައްކަތްކުރުން! ކުރާ ހެޔޮކަމުގެ ފައިދާކުރާނީ
ފާފަނުކުރީމަ!


 ސުންނަތް އަޅުކަން ކުރުން އިތުރުކުރަން ގިނަބައަކު

ގަދައަޅައި މަސައްކަތްކުރެއެވެ. ރޭގަނޑު ހޭލައި އިނދެގެންވެސް އަޅުކަންކުރެއެވެ. ސުންނަތް އަޅުކަމަކީ ވެސް ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. ޤިޔާމަތް ދުވަހު ފަރުޟް ކަންކަމުގެ ހިސާބު ބައްލަވާއިރު މަދުވާބައި ސުންނަތުން ލިބުމަށް އުންމީދުކުރެވިދާނެއެވެ. ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި އަޅަކަށް ފަރުޟު ނަމާދުން މަދުވާބައިވެސް ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވާނެތެވެ.

ފަރުޟު ކަންކަން ކުރުމާއިއެކު ސުންނަތް އަޅުކަން މިކުރަނީ "ރިޒަރވް"ގެ ގޮތުގައި މަޙްޝަރު ދުވަހު ތިމާއާއިއެކު ވުމަށްޓަކައެވެ. އަމަލުތައް މީޒާނުގައި ކިރައިލެވޭއިރު ހެޔޮކަމުގެ ކޮޅަށް ވީހައި ބުރަކުރުމަށްޓަކައެވެ. އެ މަޤްޞަދު ޙާޞިލު ނުކުރެވޭނެ ގޮތަށް އަޅުކަން ކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ބައެއް މީހުން ކުރާ އަމަލުތަކަށްބަލާއިރު މިފަދަ އެތައް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. 

ސުންނަތް އަޅުކަންކުރުން ގިނަ ކުރުމަށްވުރެ ކުރެވޭ ފާފަތައް ކުރުން ހުއްޓައިލުމުގެ މުހިންމުކަން މާބޮޑުކަމަށް ބައެއް ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެފަދައިން ވިދާޅުވާ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި  އެއިރުން ކުރާނެ ފައިދާ މާބޮޑެވެ. ނަމަވެސް މިކަން ގިނަ ބައަކަށް ނުއެނގެއެވެ. ނުވަތަ މިކަން އެމީހުންނަށް ޤަބޫލުނުކުރެވެނީއެވެ. އެހެންވެ ފާފަތައް ކުރުން ހުއްޓާލަން މަސައްކަތެއް ނުކުރެވެއެވެ. އެކަމަކު ސުންނަތް އަޅުކަން ކުރުން ގިނަ ކުރެއެވެ.  

ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. ވީމާ މިބުނަނީ ފާފައެއް ކުރެވިދާނެކަމުގެ ބިރަށް ސުންނަތް ނަމާދުތަކާ އަޅުކަން ނުކޮށް ހުންނަވާހަކައެއް ނޫނެވެ. މިދައްކަނީ ކުރާ އަޅުކަމުގެ ޘަވާބު ލިބިގަތުމަށްޓަކައި ފާފަނުކުރަން ނުވަތަ ފާފަކުރުން ހުއްޓާލަން މަސައްކަތްކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ.

މިހެން މިބުނަނީ މިކަމުގެ ސަބަބުތައް ފެންނަން ހުރުމުންނެވެ. މުޅި ދުވަހު ކުރެވޭ ހުރިހާ ސުންނަތް އަޅުކަމުން ލިބޭނެ ސަވާބަށްވުރެ ކުރެވޭ ހަމަ އެންމެ ފާފައަކުން ލިބޭ އަޛާބު އެތައް ގުނައަކަށް ބޮޑުވެދާނެއެވެ. އެހެންކަމަށްވާއިރު ފާފަތައް ކުރަމުން ކުރާ އަޅުކަމުން ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ބަރުވެދާނެކަމަށް އުންމީދުވެސް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

އެކަން ވާނީ ބޯޓެއް ކަނޑުގައި ހުއްޓައި ފޫގޮސްގެން ލޮނުއަރަމުންދާއިރު ލޮނުއެރުން ނުހުއްޓުވައި ބޯޓަށް އަރާ ލޮނު ހުސްކުރަން މަސައްކަތްކުރުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟

ރަސޫލް (ﷺ)ގެ ޙަދީޘްފުޅުގައި ވަނީ ސުވަރުގޭގައި އިތުރުއެކަލޭގެފާނާއި އެންމެ އަރިއަހުގައިވުމަށް އެދޭނަމަ ސަޖިދަކުރުން ގިނަކުރުމަށެވެ! އަދި ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ސަޖިދަކުރުން ގިނަކުރުމެވެ.  

ފަރުޟު ނަމާދުގައި ސަޖިދަކުރެވޭނެ މިންވަރު ﷲ ތަޢާލާ ވަނީ ކަނޑައަޅުއްވަވައިފައެވެ. އިތުރެއް ނުކުރެވޭނެއެވެ. ނަމަވެސް ސުންނަތް ނަމާދަކީ އެމީހަކު ބޭނުން އަދަދަކަށްކޮށް ސަޖިދަކުރުން ގިނަކުރުމުގެ ފުރުޞަތު އޮތް ނަމާދެކެވެ. އެހްންކަމުން ޙަދީޘްފުޅުގައި އެވަނީ ސުންނަތް ނަމާދުކުރުން ގިނަކުރުމުގެ ވާހަކައެވެ.

 

ވީމާ ސުންނަތް ނަމާދުކުރުމާއި އެހެންވެސް ސުންނަތް އަޅުކަންތައް ކުރުން އިތުރުކުރާއިރު  އެކަންކަމުގެ ފައިދާ ލިބިގަތުމަށްޓަކައި ތިމާއަށް ކުރެވެމުން އަންނަ ފާފަތައް ކުރުން މިހާރުން މިހާރަށްވެސް ހުއްޓާލަން މަސައްކަތްކުރަން އެބަޖެހެއެވެ. ކުރާ އަޅުކަމުގެ ފައިދާ ފެންނާނީ އެއިރުންނެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން