ފަށްކުރުމެއް!: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢާއިލާއާއި އެކަލޭގެފާނުގެ ތިމާގެބޭފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ފަށްކުރުމެއް!: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢާއިލާއާއި އެކަލޭގެފާނުގެ ތިމާގެބޭފުޅުން-

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢާއިލާއާއި އެކަލޭގެފާނުގެ ތިމާގެބޭފުޅުން: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ލިބިވަޑައިގެންނެވި ދަރިކަލުންތަކާއި ދަރިކަނބަލުންތައް: 

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަޔަށް ﷲ ތަޢާލާ 3 ދަރިކަލުންނާއި 4 ދަރިކަނބަލުން ދެއްވިއެވެ. 

ދަރިދަރިކަލުން: 

1-      އަލްޤާސިމް (القاسم): އެކަލޭގެފާނަށް ކުންޔާއެއްގެ ގޮތުގައި ބޭނުންކުރެވެމުން އައީ މި ދަރިކަލުންގެ ނަންފުޅެވެ. އަލްޤާސިމް އުފަންވެވަޑައިގަތީ ރަސޫލުކަން ލިބިވަޑައިގަތުމުގެ ކުރިން މައްކާގައެވެ. އަދި އެކަލޭގެފާނު ތުއްޕުޅުއިރު އުމުރުފުޅުން އެންމެ 2 އަހަރުފުޅުގައި އަވަހާރަވިއެވެ. 

2-      ޢަބްދުﷲ (عبد الله): އަދި މިކަލޭގެފާނަށް އައްޠައްޔިބު (الطيب) އަދި އައްޠާހިރު (الطاهر) ވެސް ކިޔެއެވެ. މިގޮތަށް ކިޔެނީ ނަބީކަން ލިބިވަޑައިގަތުމުގެ ފަހުން އެކަލޭގެފާނު އުފަންވެވަޑައިގަތުމުންނެވެ.  

3-      އިބްރާހީމް (إبراهيم) : އިބްރާހީމް އުފަންގެވަޑައިގަތީ މަދީނާގައި ޙިޖްރައިން 8 ވަނައަހަރުގައެވެ. އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 10 ވަނަ އަހަރު މަދީނާގައި އެކަލޭގެފާނުގެ ޢުމުރުފުޅުން 18 މަހުގައެވެ. އޭރުވެސް އެކަލޭގެފާނަކީ ގާތުންކިރުފޮދު ހިއްޕަވާ ބޭކަލެކެވެ. އެހެންކަމުން ގާތުންކިރުފޮދު ހިއްޕެވުމުގެ ދުވަސްތައް ފުރިހަމަކުރެއްވުމަށް، އެކަލޭގެފާނަށް ކިރުފޮދު އެރުވުމަށްޓަކައި 2 ކިރުމައިން ސުވަރުގޭގައި ވާކަމަށް ‘ޞަޙީޙައިން’ (ޞަޙީޙު ބުޚާރީ އަދި މުސްލިމް)ގައި އައިސްފައިވެއެވެ. 

ދަރިދަރިކަނބަލުން: 

1-     ޒައިނަބް (زينب): ޒައިނަބް ކައިވެނިބެއްލެވީ އެކަމަނާގެ މަންމާފުޅު ފަރާތު ބޮޑު ދައިތާފުޅު ހާލާގެ ދަރިކަލުން އަބުލް ޢާޞް ބުނު އައްރަބީޢު އާއިއެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެކަމަނާއަށް ޢަލީ (علي) ކިޔާ ބޭކަލަކާއި އުމާމަތު (أمامة) ކިޔާ އަންހެން ބޭކަނބަލަކު ލިބިވަޑައިގަތެވެ. އަދި ތުއްޕުޅުއިރުގައި ޢަލީ އަވަހާރަވެވަޑައިގަތެވެ. އަދި ފާޠިމަތުގެފާނު އަވަހާރަވުމަށްފަހު އުމާމަތު އާއި ޢަލީގެފާނު ކައިވެނިބެއްލެވިއެވެ. އަދި އެކަމަނާގެ ކިބައިން ޢަލީގެފާނަށް ދަރިކަލަކު ލިބިވަޑައިނުގަންނަވައެވެ. 

2-     ފާޠިމަތު (فاطمة): އެކަމަނާ ކައިވެނިބެއްލެވީ ޢަލީ ބުނު އަބީ ޠާލިބު ރަޟިޔަﷲޢަންހު އާއިއެވެ. އަދި އެކަމަނާގެ ކިބައިން ޢަލީގެފާނަށް ޙަސަންގެފާނާއި ޙުސައިންގެފާނު ލިބިވަޑައިގަތެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދަރިފަސްކޮޅު ދެމިގެންދިޔައީ ފާޠިމާ ރަޟިޔަﷲޢަންހާ ގެ ފަރާތްޕުޅުންނެވެ.  

3-     ރުޤައްޔާ (رقية): މިކަމަނާ ކައިވެނިބެއްލެވީ ޢުޘްމާން ރަޟިޔަﷲޢަންހު އާއިއެވެ. 

4-     އުއްމުކުލްޘޫމް (أم كلثوم): މިކަމަނާގެ އުޚްތު ރުޤައްޔާ ރަޟިޔަﷲޢަންހާ އަވަހާރަވުމުން ޢުޘްމާން ރަޟިޔަﷲޢަންހު އާއި ކައިވެނިބެއްލެވިއެވެ.  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ އަލްޤާސިމް އެވެ. ދެން ޒައިނަބު އެވެ. ދެން ރުޤައްޔާއެވެ. ދެން ފާޠިމާ އެވެ. ދެން އުއްމުކުލްޘޫމް އެވެ. މި ހުރިހާ ބޭފުޅުން ލިބިވަޑަގަތީ އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުމުގެކުރިން މައްކާގައެވެ. އަދި ޢަބްދުﷲ ލިބިވަޑައިގަތީ ރަސޫލުކަމާއިގެން ފޮނުއްވެވުމަށްފަހު މައްކާގައެވެ. އަދި އިބްރާހީމް ލިބިވަޑައިގަތީ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހުއެވެ. އިބްރާހީމް ފިޔަވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުން ލިބިވަޑައިގަތީ ޚަދީޖާ ރަޟިޔަﷲޢަންހާގެ ކިބައިންނެވެ. އިބްރާހީމްގެ މަންމާފުޅަކީ މާރިޔަތުލް ޤިބްޠިއްޔާއެވެ. ފާޠިމަތުގެފާނު ފިޔަވައި މިހުރިހާ ބޭފުޅުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ދުނިޔޭގައި ހުންނަވަނިކޮށް އަވަހާރަވެއްޖެއެވެ. ފާޠިމަތުގެފާނު އަވަހާރަވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަވަހާރަވުމަށްފަހު 6 މަސް ފަހުންނެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭފުޅުން: 

އެކަލޭގެފާނުގެ ބައްޕާފުޅު ފަރާތު 11 ބޮޑުބޭބޭފުޅުން ތިއްބެވިއެވެ. އެއީ އަލްޙާރިޘް އާއި ޤުޘަމު އާއި އައްޒުބައިރު އާއި ޙަމްޒާ އާއި އަލްޢައްބާސް އާއި އަބޫޠާލިބު އާއި އަބޫލަހަބު އާއި ޢަބްދުލް ކަޢުބާ އާއި ޙަޖްލު އާއި ޟިރާރު އާއި އަލްޣައިދާޤު އެވެ. މީގެތެރެއިން ހަތަރު ބޭފުޅުން ފިޔަވައި އެހެންބޭފުޅުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން އަވަހާރަވެއްޖެއެވެ. އަދި ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޙަމްޒާ ރަޟިޔަﷲ ޢަންހު އާއި އަލްޢައްބާސް ރަޟިޔަﷲޢަންހު އިސްލާމްވެވަޑައިގަތެވެ. އެހެނެއްކަމަކު އަބޫޠާލިބާއި އަބޫލަހަބު ޤުރައިޝުންގެ ދީންމަތީ ބުދަށް އަޅުކަންކުރުމުގައި ދެމިތިއްބެވެ. 

ބޮޑުދައިތާފުޅުން: 

އެކަލޭގެފާނުގެ ބައްޕާފުޅު ފަރާތު 6 ބޮޑުދައިތައިން ތިއްބެވިއެވެ. އެއީ ޞަފިއްޔާ އާއި ޢާތިކާ އާއި އަރުވާ އާއި އުމައިމާ އާއި ބައްރާ އާއި އުއްމު ޙަކީމް އެވެ. މީގެތެރެއިން ބައްރާ ވަނީ އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން އަވަހާރަވެފައެވެ. އަދި އުއްމުޙަކީމް ވަނީ އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވެވުމުގެވެސް ކުރިން އަވަހާރަވެފައިކަމުގައި ބެލެވެއެވެ. އަދި ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ވަނީ އިސްލާމްވެވަޑައިގަތުމަށްފަހު މަދީނާއަށް ހިޖުރަވެސް ކުރައްވާފައެވެ. އަދި އަރުވާ އާއި އުމައިމާ އިސްލާމްވެވަޑައިގެންނެވި ކަމުގައި ބުނެވެއެވެ. އަދި ޢާތިކާ އިސްލާމްވެވަޑައިގެންނެވި ކަމާއިމެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ.

 

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

މިއަދު އޮންލައިން