ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ދެކެ ލޯބިފުޅު ވެވަޑައިގަންނަވާކަން އެކަނބަލުންގެ ޙާޒިރުގައި ފާޅުކުރައްވާ ކަމުގައި ވިއެވެ:
ލޯތްބަކީ ހަމައެކަނި ޢަމަލުން ދައްކަން ޖެހޭ އެއްޗެއް ނޫންކަމާއި، ޢަމަލުގެ އިތުރުން ދުލުންވެސް އެއިޙްސާސު ބަޔާންކުރައްޖެހޭކަން ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ އުއްމަތަށް ދައްކަވާފައެވެ.
އެގޮތުން ޢާއިޝާ رضي الله عنها އެކަލޭގެފާނާ އެކުގައި ރަޖާކޮޅު ދަށުގައި އޮންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم ގެ ލޮބިވެތި ދަރިކަނބަލުން ފާޠިމާ رضي الله عنها ވަޑައިގެން ދެކެވުނު ވާހަކަފުޅުގެ ތެރޭގައި އެކަމަނާއަށް ޙަދީޘްފުޅު ކުރެއްވިއެވެ:
"َيْ بُنَيَّةُ أَلَسْتِ تُحِبِّينَ مَا أُحِبُّ؟".
"އޭ ދަރިފުޅާއެވެ. ތިމަންކަލޭގެފާނު ލޯބިފުޅުވާ ފަރާތްތެއް ދެކެ ކަމަނާ ލޯބިފުޅު ނުވަންތޯއެވެ". ޖަވާބުގައި ފާޠިމާ رضي الله عنها ވެސް ވިދާޅުވިއެވެ: "ނޫނެކެވެ. (ލޯބިވެވަޑައިގަންނަވަމެވެ)". البخاري (2581) ، ومسلم (2442).
މި ޙަދީޘުން ލިބޭ އިތުރު ފިލާވަޅަކީ ދަރިން ކުރިމަތީގައިވެސް އެމީހަކު އެމީހެއްގެ އަނބިމީހާ ދެކެ ލޯބިވާކަން ބަޔާންކުރުމަކީ ސުންނަތުން ސާބިތުވާކަމެއް ކަމުގަކެވެ. އެއީ އެއްވެސް ޙާލެއްގައި ދަށު ދަރަޖައިގެ، އަދަބާ ޚިލާފު ނުވަތަ ބޭއަދަބީ ކަމެއް ނޫންކަމެވެ.
ކުރިން ބަޔާންކުރި ފަދައިން، ލޮބިވެތި މާތް ނަބިއްޔާ صلى الله عليه وسلم ، އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ އަރިހުގައިވެސް އެހެން އަނބިއަނބި ކަނބަލުން ދެކެ ލޯބިފުޅުވާކަން ބަޔާންކުރައްވާ ކަމުގައި ވެއެވެ. އެގޮތުން، ޚަދީޖާ رضي الله عنها ދެކެ ލޯބިފުޅުވާލެއް ބޮޑުކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ގެ އަރިހުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ:
"إني قد رزقت حبها" (مسلم 2435)
"ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ވަނީ އެކަމަނާގެ ލޯބި ހަމަ ޔަގީނުންވެސް ރޯދިކުރައްވާފައެވެ".
މި ހަދީޘުން ހާމަވާ އިތުރު ކަމަކީ، އަނބިމީހާ ދެކެވާ ލޯތްބަކީ އޭނާ ނިޔާވުމަކުން އޭނާ އާއެކުގައި ވަޅުލެވޭ އެއްޗެއް ގޮތުގައި ހެދުމަކީ ވަފާތެރިންގެ ސިފައެއް ނޫންކަމެވެ. އޭނާ ދެކެވާ ލޯބި، އޭނާ ދިރި ހުރި އިރު ފާޅުކުރި ފަދައިން އޭނާ ނެތް ދުނިޔޭގައިވެސް ފާޅުކުރުމަކީ ނެތް ކަމެއް ނޫނެވެ. އެހެން އަނބިންގެ ކުރިމަތީގައިވެސް ވިޔަސް އެ ލޯބި ފާޅު ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެއްވެސް ގޮތަކަށް ޖެހިލުންވާންވީ ކަމެއްވެސް ނުމެނޫންމެއެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ކަންކަން އެއްވެސް ގޮތަކަސް ނުފެންނަ ކަންކަމޭ ބުނެވޭހާ ނާދިރު ކަންކަން ކަމުގައި މިއަދު މިވަނީ ވެފައެވެ. ނުވަތަ މިކަންކަން މިވަނީ ލަދު ކަންކަން ކަމުގައެވެ. އެފަދަ ކަންކަމަކީ – ހިނގައިފި ނަމަ – ޢާއިލާ މީހުންގެ ފަރާތުންވެސް ގިނަ ފަހަރު އިންކާރު ކުރެވޭ ކަންކަމެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ކަންކަން އެއްވެސް ގޮތަކަސް ނުފެންނަ ކަންކަމޭ ބުނެވޭހާ ނާދިރު ކަންކަން ކަމުގައި މިއަދު މިވަނީ ވެފައެވެ. ނުވަތަ މިކަންކަން މިވަނީ ލަދު ކަންކަން ކަމުގައެވެ. އެފަދަ ކަންކަމަކީ – ހިނގައިފި ނަމަ – ޢާއިލާ މީހުންގެ ފަރާތުންވެސް ގިނަ ފަހަރު އިންކާރު ކުރެވޭ ކަންކަމެވެ.
މިފަދަ ހަދީޘްތަކުން އަޅުގަނޑުމެންނަށް ބަޔާންވެގެންދާ އަނެއް ކަމަކީ، ފިރިމީހާ ލޯބިވާ ވާހަކަ ފާޅުކުރުމަކުން އެހެން އަނބިން އެކަމާ ޒާތީވެ ހަސަދަ ލާކަށް ނުޖެހޭ ކަމެވެ. އެއާ ޚިލާފަށް އެމީހުންނަށް އޮތީ އެކަމަށް އިޙްތިރާމު ކުރުމެވެ.
މިތަނުގައި އިތުރު މުހިއްމު ނުކުތާއެއް ފާހަގަކޮށްލާނަމެވެ. ބަޔާންކުރެވުނު ޙަދީޘްތަކުން އެނގި ސާފުވާ ފަދައިން ނަބިއްޔާ صلى الله عليه وسلم އެވަނީ، ޢާއިޝާ رضي الله عنها ގެ އަރިހުގައި ޚަދީޖާ رضي الله عنها ގެ މާތްކަމާއި މަތިވެރިކަން ބަޔާންކުރައްވާފައެވެ. އަދި ހަމަ އެއާއެކު ޚަޖީދާ رضي الله عنها ދެކެ ވެވަޑައިގަންނަވާ ލޯބީގެ ބޮޑުކަންވެސް ސާފު ޢިބާރާތުން ބަޔާންކުރައްވާފައެވެ.
އެއާއެކު، އެނގި ސާފުވެގެންދާ އަނެއް ކަމަކީ، ޢާއިޝާ رضي الله عنها ދެކެވާ ލޯބީގެ ޚަބަރުވެސް ނަބިއްޔާ صلى الله عليه وسلم އެވަނީ އެކަމަނާގެ ޙާޒިރުގައި ފާޠިމާ رضي الله عنها އަށް ބަޔާންކޮށްދެއްވުމާއެކު، އެކަމައްޓަކައި ޢާއިޝާ رضي الله عنها ދެކެ އެކަމަނާވެސް ލޯބިފުޅު ވުމަށް އިޝާރާތް ކުރައްވާފައެވެ. މީގެން އަޅުގަނޑުމެން ލިބިގަންނަންވި ފިލާވަޅަކީ، އަނބިމީހާ ކައިރީގައި އެހެން އަނބީން ދެކެ ލޯބިވާކަން ބަޔާންކުރުމާއެކު އޭނާ ދެކެވެސް ލޯބިވާކަން ބަޔާންކުރަން ޖެހޭކަމެވެ. އަދި ޚާއްޞަކޮށް “ކުޑަ ޢާއިލާގެ” އެހެން މީހުންގެ ކުރިމަތީގައި އެކަން ފާޅުކުރުމަކީ އަނބިމީހާގެ އަގުވަޒަންކުރެވި، އެއަނބެއްގެ ހިތަށް އުފާވެރިކަމާއި ތަސައްލީއާއި ފިރިމީހާ ދެކެވާ ލޯބި އިތުރުވެގެންދާނެ ކަމެއް ކަމުގައެވެ. ހަމައެއާއި، ތިމާ ލޯބިވާ މީހުން ދެކެ ޢާއިލާގެ ދެންތިބި މީހުންވެސް ލޯބިވާން އިލްތިމާސް ކުރުންވެސް އޮންނަން ޖެހޭކަން މިފަދަ ޙަދީޘްތަކުން ހާމަވެގެންދެއެވެ.
- ޝައިޚް ޒަމްޒަމް ފާރިޝް