ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 8

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 56ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 8

ރުސްތުމް އޭނާގެ ލަޝްކަރާއެކުގައި ޙީރާއިން ކުރިއަށް ޖެހިލައި، ޤާދިސިއްޔާ ކައިރީގައިވާ [ޢަތީޤު] އޭ ކިޔުނު ކޯރެއްގެ ކައިރީގައި ފޭލިގެޖަހައިފިއެވެ. އެ ކޯރު އޮތީ އިސްލާމީ ލަޝްކަރާއި ދުޝްމަނުންގެ ލަޝްކަރުގެ ދެމެދުގައެވެ. ދުޝްމަނުންގެ ލަޝްކަރުގައި 33 އެތް އޮތެވެ. ރުސްތުމް އެތަނުގައި ބަނޑަހަޖެހުމަށްފަހު ސަޢުދުގެފާނަށް ޚަބަރު ފޮނުވިއެވެ. [ސަފީރަކު ފޮނުވާށެވެ. އަހަރެމެން އޭނާއާ ވާހަކަދައްކަން ބޭނުމެވެ.] ސަޢުދުގެފާނު ރުސްތުމްގެ ގާތަށް ފޮނުއްވީ ރިބްޢީ ބިން ޢާމިރު ރަޟިޔަ ﷲ ޢަންހުއެވެ. ރިބްޢީ ބިން ޢާމިރު ވަޑައިގެންނެވިއިރު ރުސްތުމް އިނީ ރަނުން ހަދައިފައިވާ ތަޚުތެއްގެ މަތީގައެވެ.

އެ ތަޚުތުގެ ވަށަވަށައިގެންވާ ބާލީސްތައްވެސް ހުރީ ރަންކުލައިގެ ފޮތިން ޒީނަތްތެރިކޮށްފައެވެ. ރިބްޢީ އިންނެވީ އަހެއްގެ މައްޗަށް ސަވާރުވެވަޑައިގެންނެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ކަނޑިކޮޅު ލައްވައިފައި އޮތީ ބޯފޮތީގެ އުރަކޮޅަކަށެވެ. އެކަލޭގެފާނުގެ ލޮންސިކޮޅު އޮތީ ޖަމަލު ހަމުން ބަނދެލައިފައެވެ. ރެނދުލައިފައި ހުންނަ ލޮންސީގައި ޖަމަލު ކަރުންނެގޭ ހަންގަނޑު އޮޅައިލުމަކީ ޢަރަބީން އޭރުކޮށް އުޅުނު ކަމެކެވެ. އޭގެ ސަބަބުން ހަލާކުވެފައިވާ ލޮންސި އަލުން ބޭނުންކުރެވެއެވެ. މިއީ އީރާނުންގެ މުއްސަނދި ދިރިއުޅުމާ މުޅިން ޚިލާފު ކަމެކެވެ.

ރުސްތުމް އިން ފޭލިގެވަނީ ވަރަށް ރަނގަޅަށް ޒީނަތްތެރިކޮށްފައެވެ. ބިންމަތީގައިވަނީ އަގުބޮޑެތި މޮޅު ދޫލަތައް އަޅައިފައެވެ. ރިބްޢީ ބިން ޢާމިރު ރަޟިޔަ ﷲ ޢަންހު ގަސްތުގައި އެތެރެއަށް ވަޑައިގަތީ އެކަލޭގެފާނުގެ އަހަށް ސަވާރުވެވަޑައިގެންނެވެ. އަހުގެ މޮއްގަނޑުން އެ ދޫލައިގައި ނިޝާންތައް އަޅުވަމުން ދިޔައެވެ. ވަކި ހިސާބަކަށް ވަޑައިގަންނެވުމަށްފަހު އަހުން ފައިބައިވަޑައިގެންނެވިއެވެ. އަސް ރަނގަޅަށް ފޭލިގޭގެ އަގުބޮޑެތި ފޮތިތަކުގެ ތެރެއިން ފޮތިގަނޑެއްގައި ބަނދެލިއެވެ. އެބައިމީހުން އެ އަގުބޮޑެތި ތަކެއްޗަށް އެއްވެސް ފަރުވާލެއް ނުބަހައްޓަވާކަން އަންގައިލެއްވިއެވެ. އެއަށްފަހު އަހުގެ ލަގަން އެތަނުގައި އެތުރިފައިވާ ބާލީސްތަކުގެ ތެރޭގައި ބޭއްވިއެވެ. އެއަށްފަހު ޖަމަލު މަތީގައި އަޅަން ގެންގުޅޭ ފޮތިގަނޑު ނަންގަވައި އެކަލޭގެފާނުގެ ގައިކޮޅުގައި އޮޅައިލެއްވިއެވެ. މުސްލިމުންގެ އާރާއި ބާރުގެ އަޞްލަކީ މާއްދިއްޔަތުގެ ދަޅަތައް ނޫންކަން ނުހަނު ފިރިހެންވަންތަކަމާއެކުގައި ސާބިތުކޮށްދެއްވިއެވެ.

ރިބްޢީ ބިން ޢާމިރު ރަޟިޔަ ﷲ ޢަންހު ވަރަށް ކެރިވަޑައިގަންނަވައިގެން ކުރިއަށް ވަޑައިގަންނަވަން ފެއްޓެވުމުން އީރާނީ ލަޝްކަރުގެ ސިފައިން ބުންޏެވެ. [ހަތިޔާރު ބަހައްޓާށެވެ.] ރިބްޢީ ވިދާޅުވިއެވެ. [އަހަރެން މިތަނަށް މިއައީ އަހަރެން ބުނެ ކިޔައި އާދޭސްކޮށްގެނެއް ނޫނެވެ. އަހަރެން މިތަނަށް އައުމަށް ދަޢުވަތުދިނީ ތިޔަބައިމީހުންނެވެ. އެހެންކަމުން އަހަރެން ކަލޭމެންގެ އަމުރަކަށް ހަތިޔާރެއް ނުބަހައްޓާނަމެވެ.]

މިހެން ވިދާޅުވެފައި ވަރަށް ހަމަޖެހިވަޑައިގެން، ނުހަނު ކެރިވަޑައިގެން ހުންނަވައި މަޑުމަޑުން ހިންގަވައިފައި ކުރިއަށް ވަޑައިގެންނެވިއެވެ. އަވަސްވެވަޑައިގަތުމެއް ނުވަތަ ބިރުފުޅެއްގެ އެއްވެސް އަސަރެއް އެކަލޭގެފާނުގެ ފަރާތްޕުޅަކު ނެތެވެ. ލޮންސިއަށް ބުރަވެވަޑައިގެން ހުންނަވައި މަޑު ފިޔަވަޅުތަކެއް އަޅުއްވަމުން ވަޑައިގެންނެވިއިރު، ލޮންސީގެ ކޮޅުން ދިޔައީ އެތަނުގައި އަޅައިފައިވާ އަގުބޮޑު ދޫލަ ތޮރުފަމުންނެވެ. އެކަލޭގެފާނު ރުސްތުމްގެ ކައިރިއަށް ވަޑައިގެން ބިންމަތީގައި ދެފައިވައްކޮށްލައްވައިގެން އިށީންދެވަޑައިގެންނެވިއެވެ. އެއަށްފަހު ލޮންސި ބިންމަތީގައި ޖެއްސެވުމަށްފަހު ވިދާޅުވިއެވެ. [ކަލޭމެންގެ އަރާމު މަސަންދުތަކުގައި އަހަރެމެން ނުއިށީންނާނަމެވެ.]

ބައެއް މީހުން ހީކޮށްފާނެއެވެ. ރިބްޢީ ބިން ޢާމިރު ރަޟިޔަ ﷲ ޢަންހު އެގޮތަށް ޢަމަލުފުޅުކުރެއްވީ އެކަލޭގެފާނުގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުންނެވެ. ނުވަތަ ނާތަހުޒީބުކަމާއި ރަސްރަސްކަލުންގެ އާދަކާދަތައް ނުދަންނަކަމުގެ ސަބަބުންނެވެ. ނަމަވެސް ޙަޤީޤަތަކީ އެކަލޭގެފާނު އެގޮތަށް ޢަމަލުފުޅު ކުރެއްވީ ގަސްތުގައި ކަމެވެ. އެކަލޭގެފާނު ސާބިތުކޮށްދެއްވީ ހިތްވަރުފުޅުގަދަކަމާއި، ކެރިވަޑައިގަތުމާއި، އަމިއްލަފުޅު ނަފުސަށް އޮތް އިތުބާރުގެ ބޮޑުކަމެވެ. ރަސްރަސްކަލުންގެ ޝާހީކަމާއި އެބައިމީހުންގެ މުދަލަކީ އެކަލޭގެފާނަށް އެއްވެސް ނުފޫޒެއް ފޯރުވޭނޭ އެއްޗެއް ނޫންކަމެވެ.

ރުސްތުމް ސުވާލުކުރިއެވެ. [ކަލެޔާއި ކަލޭގެ ލަޝްކަރު މިތަނަށް އައި ބޭނުމަކީ ކޮބައިހެއްޔެވެ؟]

ރިބްޢީ ބިން ޢާމިރު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. [އަހަރެމެން މިތަނަށް ފޮނުއްވީ ﷲ އެވެ. މީސްތަކުންގެ މައްޗަށް ވެރިކަންކުރުމުންނާއި މީސްތަކުން އެހެން މީހުންގެ އަޅުވެތިކަމުން ސަލާމަތްކުރުމަށްޓަކައެވެ. މީސްތަކުން މިދުނިޔޭގެ ބޭއިންސާފުގެ ތެރެއިން ނެރެ، އެބައިމީހުންނަށް އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުފަހިކުރުމަށްޓަކައެވެ. ބާޠިލު ދީންތަކުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް، އިސްލާމްދީނުގެ ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައެވެ. އެކަލާނގެ އަހަރެމެން ފޮނުއްވީ މީސްތަކުންނަށް އެކަލާނގެ ދީން ބަޔާންކޮށްދީ އެ ދީނަށް ދަޢުވަތުދިނުމަށެވެ.]

ރިބްޢީގެ ވާހަކަފުޅު ނިމިވަޑައިގަތުމުން ރުސްތުމް ބުންޏެވެ. [ހަނގުރާމަ އިހަށް ފަސްކޮށްލެވިދާނެތޯއެވެ؟]

ރިބްޢީ ވިދާޅުވިއެވެ. [ނުކުރެވޭނޭ ސަބަބެއް ނެތެވެ. އެހެނީ އެއީ އަހަރެމެންގެ ސުންނަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ރަސޫލާވެސް އެކަލޭގެފާނުގެ ދުޝްމަނުންނަށް ތިން ދުވަހުގެ މުހުލަތު ދެއްވިއެވެ. ވީމާ އަހަރެމެން ކަލޭމެންނަށްވެސް ތިން ދުވަހުގެ މުހުލަތު ދީފީމެވެ.]

މިއަދު އޮންލައިން