އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފި

އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި (ކޭއާރުއެޗް) މިއަދު ފަށައިފިއެވެ. މި ކޭމްޕަކީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި އެކި ބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ބައިވެރިވެ، ބަލިމީހުން ބެލުމާއި އޮޕަރޭޝަންތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕުގެ ސަބަބުން އަތޮޅުތެރޭގައި ތިބެގެން ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ހޯދުމުގެ ފުރުޞަތު އާންމުންނަށް ފަހިވެގެންދާނެއެވެ.

މި ކޭމްޕުގައި ހިމެނޭ ޚާއްސަ ދާއިރާތަކުގެ ތެރޭގައި އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތައް، އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްސަ ދާއިރާ، އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ. މީގެ އިތުރުން ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑް ކެއާރއަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއްވެސް މި ކޭމްޕުގައި ޚިދުމަތް ދެއްވާނެއެވެ.

މީގެ އިތުރުން، ނުރައްކާތެރި ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކާއި ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން އާންމު އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއްވެސް މި ކޭމްޕުގެ ތެރެއިން ބަލިމީހުން ބައްލަވާނެއެވެ.

މިފަދަ ކޭމްޕުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކޮށް، މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ކުޅުދުއްފުށީގައި ފެށި މި ކޭމްޕުގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ރައްޔިތުންނަށް ބޮޑެތި އޮޕަރޭޝަންތަކާއި ޚާއްސަ ފަރުވާތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން