49 އަހަރުން ދަށުގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
49 އަހަރުން ދަށުގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފި

ހިމަބިހިން ރައްކާތެރިވުމަށް ކުރިއަށްގެންދާ އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ތިންވަނަ ފޭސްގެ ދަށުން، 49 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި އުމުރުފުރާއަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނީ 07 ޖުލައި އިން ފެށިގެން 30 ޖުލައިގެ ނިޔަލަށެވެ. މިއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

ބަލީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 121 ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން 55 ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ފުރިހަމަކުރުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ.

މި ޕްރޮގްރާމުގެ ކުރީގެ ފޭސްތަކުގައި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިހާރު ފަށާފައިވާ ތިންވަނަ ފޭސްގެ އަމާޒަކީ ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ބޮޑެތި މީހުންނަށް ވެކްސިން ދީ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

މިއަދު އޮންލައިން