އަހުރެމެންގެ ތެރެއިން ގިނަ ބައަކު ކައިވެނިކުރަނީ ތިބާގެ ކިބައިން ބައިވެރިޔާ އެންމެ ބޮޑަށް ބޭނުންވާ ކަންކަން ދެނެނުގަނެއެވެ. ލަދުން ސުވާލު ވެސް ނުކުރަނީއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ.
ހުރިހާ އަންހެނުންވެސް އަދި ފިރިހެނުންވެސް އެންމެ ބޮޑަށް ސަމާލުކަންދޭނީ އެއްކަމަކަށް ނޫނެވެ. އެންމެ ބޮޑަށް ސަމާލުކަންދޭ ކަންތައް ތަފާތުވާނެއެވެ. އެއީ އެމީހާގެ ކިބައިގައިވާ އުނިސިފައެއް ނުވަތަ އުނިކަމެއްވެސް ނޫނެވެ. އެއީ އެމީހެއްގެ ޠަބީޢަތާއި ގުޅިފައިވާ ކަމެކެވެ.
ވަރަށް ތިލަކޮށްލާފައި ބުނާނަމަ ފުރަތަމަވެސް ބުނަންއޮތީ ދެމަފިރިން ރޭކުރުމުގެ ވާހަކައެވެ. އެންމެންވެސް ރޭކުރަން ބޭނުންވާނެއެވެ. ނަމަވެސް ދުރުމިން ތަފާތުވާނެއެވެ. ބައެއް މީހުން ގާތްގާތުގައި ރޭކުރަން ބޭނުންވެދާނެއެވެ. އަނެއް ބައަކު އެހައި ގާތްގާތުގައި ރޭކުރަން ބޭނުންނުވެދާނެއެވެ.
ވީމާ މިކަމުގައި ތަފާތު ދެމީހަކު ގުޅިއްޖެނަމަ އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް އަނެކާ އެދޭގޮތަށް ބަދަލުވާން މަސައްކަތްކޮށްފިނަމަ ބަދަލުވެވޭނެއެވެ. މައްސަލައަކީ ބަދަލުވާން ބޭނުންނުވެވޭކަމެވެ. ތިމާ އެންމެ އެދޭ ގޮތަށް ބައިވެރިޔާގެ ކިބައިން ކަންކަން ނުވާނަމަ ފޫހިވެ ވަކިވާން ބޭނުންވާ ކަމެވެ.
ބައެއް މީހުން މިފަދަ ކަންަކމުގެ ވާހަކަ ބައިވެރިޔާ ގާތުގައި ނުދައްކަނީ ލަދުވެތިކަމެއް ކަމަށް ދެކެގެންނެވެ. އެއީ ލަދުވެތިކަމެއް ކަމަށް ދެކެގެން މިޒަމާނަކު ނުފުދޭނެއެވެ. އެއީ ކުރިއާލައި މަޝްވަރާކުރަންޖެހޭނެ ކަމެކެވެ.
މިބާވަތުގެ ވާހަކަތަކަކީ ލަދުވެތި ވާހަކަތަކެއް ކަމަށް ހަދަންވީ އެހެން މީހުންގެ ގާތުގައި ދެއްކުމަށެވެ. ބައިވެރިޔާގެ މިފަދަ ވާހަކަތަކަކީ އެހެން އެއްވެސް މީހެއްގެ ގާތުގައި ދައްކައިގެންވާނެ ވާހަކަތަކެއް ނޫނެވެ. ދައްކަންޖެހޭނީ ދެމީހުންނެވެ. އެހެން މީހުންނަށް ނުއަންގައެވެ.
ދެން ބަލައިލަންވީ ދީނީ ގޮތުންނެވެ. ދެމަފިރިން އެކުގައި ރޭކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އެއީ ޙަދީޘްފުޅުތަކުން ޘާބިތުވާން އޮތް ކަމެކެވެ. ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުން ނުބާއްވައި ރޭއަޅުކަން ކުރުމެއްވެސް ނެތްކަން އެނގެން އޮތުމުން މިބުނި ބަހުގެ ދަލީލަކަށް ފުދޭނެއެވެ.
އެހެން ނަމަވެސް މިއަދު ކަންކަން މިވަނީ ކިހިނަކުން ހެއްޔެވެ؟ ގިނައީ އަނބިމީހާ ގޭގައި އޮވެގެން ތިމާއަށް އިންތިޒާރުކުރަމުންދާކަން ނުވެސް ވިސްނާ ފިރިންނެވެ. އުޅެން ބޭނުންވާހައި އިރަކު ބޭރުގައި އުޅެފައި ގެއަށްދާ ފިރިންނެވެ. މިނުބައި ޢާދަ އަވަހަށްދޫކޮށްލާށެވެ!
ހަމައެފަދައިން ފިރިންނަށް ބަހަނާދައްކައި ދުރުހެލިވާން މަސައްކަތްކުރާ އަނބިންވެސް ތިބެއެވެ. އެގޮތަށް އެކަން ނުކުރާށެވެ! ފާފަވެރިނުވާން ގަދައަޅައި މަސައްކަތްކުރާށެވެ!
މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ މައިންބަފައިން ދުނިޔޭގައި ތިބެމެ ޔަތީމްވެ މިސްކީނުވަމުންދާ ދަރިންގެ ޢަދަދު ގިނަވާތީއެވެ. އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުއަށްވެސް ކުރާތީއެވެ. ޙައްލަކީ ދެމްފިރިން ލޯބިން އެކުގައި ދިރިއުޅުންކަމުގައިވާތީއެވެ!
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން